އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   23 ފެބްރުއަރީ 2021 - 15:37
"މާލޭގައި މިއުޒިކް ކުޅެ އަޑު އަހައި މަޖާ ކުރާނެ ތަނެއް" ހަދަން ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރާއި ގުޅިގެން އިލްމުވެރިންގެ ފަރާތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރެއްގައި މިއުޒިކްގެ ފަންނު އިތުރަށް ތަރައްގީކޮށް ޒުވާނުން މިއުޒިކް ކުޅެ މިއުޒިކް އަޑު އަހާލައި ރައްޓެހިންނާ ބައްދަލުކޮށް މަޖާކޮށްލައި ހަދާނެ މަރުކަޒެއް މާލޭގައި ގާއިމް ކޮށްދޭން ގޮވާލެއްވުމާއެކު ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

އިލްމުވެރިންގެ ފަރާތުން ރާއްޖޭގެ ފަސް އިލްމުރިޔަކު ސޮއި ކުރަށްވައި މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ، މުސްލިމް އުއްމަތެއްގެ ކަންކަން ހިންގާނެ ގޮތްތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތާއި ހަވާލު ވެގެން ތިބޭ މީހުން ވާން ޖެހޭނީ އިސްލާމީ އުސޫލުތައް ދެމެހެއްޓުމުގެ ޒިންމާއާއި ވެސް ހަވާލުވެގެން ތިބޭ މީހުންނަށް ކަމަށާ އެޒިންމާ އަދާކުރުމުގެ އެންމެ އިސްސަފުގައި ތިބެން ޖެހޭނީ މަޖިލިސް މެމްބަރުން ކަމަށެވެ.

އަދި "ޒުވާނުން މަޖާކޮށް އެއްވެ ތިބެވޭނެ މަރުކަޒެއް ގާއިމުކުރަން" މަޖިލީހަށް ހުށަހެޅި ގަރާރާއި ގުޅިގެން ބައެއް މެމްބަރުން ދެއްކި ވާހަކަތަކަކީ ކަންބޮޑުވާ ކަމެއް” ކަމަށް އިލްމުވެރިން ފާހަގަކޮށްފައިވެއެވެ.

"އިސްލާމީ އުސޫލުތަކާއި މުޖުތަމައުގައި އަހްލާގިއްޔަތު ފުނޑުފުނޑުވެ، ޒުވާނުންނަކީ ހަރުދަނާ ވިސްނުމެއްނެތި މުނިފޫހިފިލުމުގެ ނަމުގައި މަޖަލުގެ ތެރޭގައި ހިޔާލެއް ފިކުރެއް ނެތި ވިއްސިވިހާލި ވެގެންދާ ކުނިބުނިތަކެއް ފަދަ ބައެއް ކަމުގައި ވެގެންދިޔުމަކީ ގައުމަށް ހެވެއް އެދޭ އެއްވެސް ފަރާތަކުން ބޭނުންވާނެ ކަމެއް ނޫނެވެ." އެ ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

އަދި އިސްލާމް ދީނުގެ ބޭރުން މުނިފޫހިފިލުވުމުގެ ނަމުގައި ގައުމުގައި ފާހިޝް ކަންކަން ފެތުރި، ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ފުރުސަތު ލިބޭ ގޮތަށް މެމްބަރުން ދެއްކެވި ވާހަކައަކީ ކުރި ކުށެއް ކަމަށް ވެސް ސިޓީގައި ފާހަގަ ކޮށްފައި ވެއެވެ.

މިއުޒިކް ގަރާރާއި ގުޅިގެން މަޖިލިސް ތަޅުމަށް ފޮނުވި މި ސިޓީގައި ސޮއި ކުރައްވާފައި ވަނީ ޑރ. މުހައްމަދު އިޔާޒާއި ޝެއިހް އަލީ ޒާހިރާއި، ޝެއިހް އަބްދުﷲ މުހައްމަދާއި، ޝެއިހް ނިމާލް މުހައްމަދުގެ އިތުރުން ޝެއިހް އިބްރާހިމް ފަރީދެވެ.

މިއުޒިކަކީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ކަމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއުޒިކަކީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ކަމެއް ކަމަށާއި ބައެއްގެ އާންމު ދިރިއުޅުން ހަރާމްކަމަށް ގޮވުމަކީ އެބައެއްގެ މުޖުތަމަޢު ރޫޅާލުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ކިނބޫ

26-Feb-2021

އިލްމުވެރިން ޔަހޫދީއަކަށް ސިޓިއެއް ފޮނުވައިފި. ކިހެން ޖަހާބަލަ



ޓްރެންޑިން