އަހުމަދު ޝަރީފު
އަހުމަދު ޝަރީފު
އިލެކްޝަންސް ކޮމިޝަންގެ ބަހެއް ނުހޯދައި، ހަޤީޤަތާއި ޚިލާފު ވާހަކަތައް ނުފެތުރުމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ގޮވާލައްވައިފިއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރެއްގެ ފަރާތުން ކުރިމަތިވި ޖިންސީ ފުރައްސާރައިގެ ސަބަބުން ކޮމިޝަނުގައި މަސައްކަތްކުރާ މުވައްޒަފަކު އަމިއްލައަށް މަރުވާން އުޅުނުކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެނެވެ.

ޝަރީފް ވަނީ ސިއްރުކޮށްގެން ބޭއްވި ކޮމިޓީއެއްގައި ދެއްކުނު ވާހަކައެއް، އެއީ ހަގީގަތަކަށް ހަދައިގެން އެ ކޮމިޓީގެ މެންބަރަކަށް ކޮމިޓީގެ ނަމުގައި ދެއްކިދާނެކަމާމެދު ސުވާލު އުފައްދަވާފައެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ބަހެއް ނުހޯދައި، ހަޤީޤަތާއި ޚިލާފު ވާހަކަ ފަތުރައި، ކޮމިޝަންގެ އަގުވައްޓާލަން ކުރާ މަސައްކަތް ހުއްޓާލުމަށް އޭނާވަނީ ގޮވާލައްވާފައެވެ.އިލެކްޝަންސް ކޮމިޝަނާ ގުޅޭގޮތުން ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އެ ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމަށް އަމާޒު ވެފައިވާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާއި ގުޅިގެން އޭނާ ވަނީ މަޤާމުން އިސްްތިއުފާދެއްވާފައެވެ. އަކްރަމް މަޤާމުން އިސްތިއުފާދެއްވިއިރު އޭނާ މަޤާމުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު