ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ މިނިވަން ގާނޫނީ ޝަހުސެއްގެ ގޮތުގައި ކަނޑައަޅައި އެ އިދާރާއަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މުހިންމު އިސްލާހުތަކެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ. މަޖިލީހަށް ހުށަހެޅި މި ބިލުގައި ބަޔާންކޮށްފައިވަނީ، ބިލު ފާސްވެ ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލަން ޖެހޭނެ ކަމަށެވެ.

މި ބަދަލާ ގުޅިގެން، ހުޅުމާލޭ ކޯޓުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ޑީޖޭއޭގެ މުވައްޒަފުންގެ ގޮތުގައި ހަމަޖައްސައި، އެ މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމުގެ އެންމެހާ ކަންކަން 30 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. އަދި އެ ކޯޓުގެ ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުކުރުމުގެ އިންތިޒާމުތައް ވެސް އެ މުއްދަތުގެ ތެރޭގައި ހަމަޖައްސަންޖެހޭނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް އުފެއްދީ 2012 ވަނަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނިންމުމަކުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގެ ޝަރީއަތް އެ ކޯޓަށް ހުށަހެޅުމުން، ކޯޓުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް ވެސް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް، 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ހުކުމްކުރީ އެއީ ގާނޫނީ ގޮތުން ސައްހަ ކޯޓެއް ކަމަށެވެ.

ހުޅުމާލެއަކީ އިދާރީ ގޮތުން މާލޭގެ އަވަށަކަށް ވެފައި، ވެރިރަށް މާލޭގައި ސުޕީރިއާ ކޯޓުތައް ގާއިމުވެފައި ހުއްޓައި ހުޅުމާލޭގައި ވަކި މެޖިސްޓްރޭޓް ކޯޓެއް އުފެއްދުމުން އޭރު ގާނޫނީ ގޮތުން ބޮޑެތި ބަހުސްތަކެއް އުފެދުނެވެ. ކޯޓުތަކާބެހޭ ގާނޫނުގައި ބުނާގޮތުން މާލޭގައި އުފައްދާނީ ސްޕީރިއާ ކޯޓުތަކެވެ. އަދި ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ. ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިނގިއްޔާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށެެވެ.

އެހެން ނަމަވެސް، ހުޅުމާލޭގައި ހިނގާ ބޮޑެތި ޖިނާއީ އަދި މަދަނީ މައްސަލަތައް ބެލުމުގެ އިހުތިސާސް މެޖިސްޓްރޭޓް ކޯޓަކަށް ނޯންނާތީ، އެފަދަ މައްސަލަތައް މިހާރު ވެސް ބަލަމުން އަންނަނީ މާލޭގެ ކޯޓުތަކުންނެވެ. އަދި މިހާރު ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ހުޅުމާލޭގައި ހިނގަމުންދާއިރު، ސުޕީރިއާ ހުރިހާ ކޯޓުތަކެއް އެއްފުރާޅެއްގެ ދަށަށް ގެނައުމަށް ހުޅުމާލޭގައި އައު އިމާރާތެއް އެޅުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.

ކޯޓުތަކުގެ ގާނޫނަށް އަޒާން ހުށައަޅާފައިވާ އިސްލާޙުތައް ފާސްވެއްޖެނަމަ ޝަރުއީ ދާއިރާގެ އިދާރީ ހިންގުމަށް ވެސް ބޮޑެތި އިންގިލާބީ ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން، ޝަރުއީ ދާއިރާގެ އާންމު އިދާރީ ކަންކަން ހިންގުމަށް "ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި ވަކި އޮފީހެއް ގާއިމުކޮށް، އެއީ އަމިއްލަ ނަމުގައި ނުވަތަ ވަކިވަކި ކޯޓުތަކުގެ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޝަރުއީ މަޖިލިސްތަކުގައި ތަމްސީލުކުރުމުގެ ބާރު ލިބިގެންވާ މުސްތަގިއްލު ގާނޫނީ ޝަހުސެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.

މި އިސްލާހުގައިވާ ގޮތުން ޑީޖޭއޭ ހިންގުމުގެ އެންމެ އިސްވެރިޔަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ. އޭނާ އައްޔަންކޮށް ވަކިކުރާނީ އުއްތަމަފަނޑިޔާރު ރިޔާސަތު ބަލަހައްޓަވާ، އަދި އަލަށް އުފައްދާ ޖުޑީޝަލް ކައުންސިލުންނެވެ. އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޖަވާބުދާރީވާން ޖެހޭނީ ވެސް ސީދާ ޖުޑީޝަލް ކައުންސިލަށާއި އުއްތަމަފަނޑިޔާރަށެވެ. ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާއިރު މިހާރު އެ މަގާމުގައި ހުންނެވި ބޭފުޅަކު، އާ ގާނޫނުގެ ދަށުން ވެސް މަގާމުގައި ދެމިހުންނަވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ޝަރުއީ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ކޮންމެ އަހަރަކު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ މަދުވެގެން ދެ ޕަސެންޓް ޝަރުއީ ދާއިރާއަށް ހާއްސަކޮށް، އެ ފައިސާ ޑީޖޭއޭއަށް ދޫކުރަން ޖެހޭގޮތަށް ބިލުގައި ވަނީ ހިމަނައިފައެވެ. ކޯޓުތަކުގެ އެންމެހާ އިދާރީ ކަންކަމާއި، ފަނޑިޔާރުންނާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ހަމަޖެއްސުމާއި، އުމްރާނީ އަދި އައިޓީ ތަރައްގީގެ ކަންކަމާއި އަހަރީ ބަޖެޓު ތަންފީޒު ކުރުމުގެ ބާރު ވެސް އޮންނާނީ ޑީޖޭއޭ އަށެވެ.

ޑީޖޭއޭއަކީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން އުފެއްދި އިދާރާއެކެވެ. ނަމަވެސް 2019 ވަނަ އަހަރު ކޮތުތަކުގެ ޤާނޫނަށް ގެނައި އިސްލާހަކުން އެ އިދާރާ ޖޭއެސްސީގެ ދަށަށް ބަދަލުކުރިއެވެ. ސަރުކާރުން މިހާރު މަޖިލީހަށް ހުށަހެޅި މި އިސްލާހު ފާސްވެއްޖެނަމަ، ޑީޖޭއޭ އަލުން އުއްތަމަފަނޑިޔާރާއި ފަނޑިޔާރުން ހިމެނޭ ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާ ގޮތަށް ބަދަލުވެ، ޝަރުއީ ދާއިރާގެ އިދާރީ ހިންގުމަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުތަނުން ހަނިވެގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް