މޯލްޑިވްސް 2.0 އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: މައިންޑްކޯ
މޯލްޑިވްސް 2.0 އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: މައިންޑްކޯ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ޒަމާނީކޮށް، ޑިޖިޓަލައިޒް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށާފައިވާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން، ފާއިތުވި 3 އަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިއެވެ.

މިކަމާ ގުޅޭގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އެކްސްގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ލުއިފަސޭހަކޮށް، ރައްކާތެރި ޑިޖިޓަލް ވެއްޓެއް ޤާއިމުކުރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން އެޅުނު އެންމެ ބޮޑު އެއް ފިޔަވަޅަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް އެއްކޮށް ޑިޖިޓަލައިޒް ކުރުމެވެ. މިއީ ރާއްޖެއަށް އެތެރެވާ އަދި ބޭރުވާ ފަރާތްތަކަށާއި، ވިސާގެ އެކި ޚިދުމަތްތައް ހޯދާ ރައްޔިތުންނަށް މި މުއްދަތުގައި ލިބިގެންދިޔަ ބޮޑު ލުޔެކެވެ.

މީގެ އިތުރުން، ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ސަރުކާރުގެ އެކި މުއައްސަސާތައް އެއް ވިއުގައަކުން ގުޅާލުމަށް ކުރިއަށްގެންދާ "ވަންގަވް" އިންޓަގްރޭޝަން ޕްރޮގްރާމުގެ ތެރެއަށް ސަރުކާރުގެ 428 ޚިދުމަތެއް ވަނީ ހިމަނާފައެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައިވާ މުހިންމު މަޢުލޫމާތުތައް ޑިޖިޓަލްކޮށް ރައްކާކުރުމުގެ ގޮތުން 40 ޑިޖިޓަލް ރަޖިސްޓްރީއެއް އެކުލަވާލައި މިހާރު ވަނީ މުޅިން ނިންމާލެވިފައެވެ.



ހޯމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް


ހޯމް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޤައުމުގެ ޑިޖިޓަލް މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށްގެންދާ "ސޮވްރިން ކްލައުޑް" މަޝްރޫޢުގެ 30 އިންސައްތަ މަސައްކަތް ވެސް ވަނީ ނިންމާލެވިފައެވެ. އަދި މި ދާއިރާއަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމުގެ ގޮތުން 4 ޑިޖިޓަލް ލެޖިސްލޭޝަނެއް އެކުލަވާލުމުގެ މަސައްކަތް ވަނީ އިސްނަގައިގެން ފަށާފައެވެ.

ހަމައެއާއެކު، ސައިބަރ ދުނިޔޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤާބިލު އިންސާނީ ވަޞީލަތް ބިނާކުރުމުގެ ގޮތުން، މިދިޔަ 3 އަހަރު ތެރޭގައި 100 އަށްވުރެ ގިނަ ބައިވެރިންނަށް ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ޚާއްޞަ ތަމްރީނުތައް ވަނީ ދީފައެވެ.

މި ކާމިޔާބީތަކަކީ ރާއްޖެއަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، ހަލުވި އަދި ދެފުށް ފެންނަ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ޤައުމަކަށް ހެދުމަށް ސަރުކާރުން ކުރި މަސައްކަތުގެ މުހިންމު ނަތީޖާއެކެވެ.



ކިޔުންތެރިންގެ ހިޔާލު