ޑޮލަރު-
ޑޮލަރު-
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރަސްމީ ރޭޓުގައި ދޫކުރި ޑޮލަރަށް ވުރެ 80 ޕަސެންޓް އިތުރަށް، މި ސަރުކާރުން މިހާތަނަށް 1.9 ބިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރު މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ. މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމަކީ ގާނޫނުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލާޒިމުކޮށްފައިވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް އެ މައްސަލައިގައި ސުވާލު އަމާޒުކުރާތީ ކަމާ ގުޅޭ ތަފާސްހިސާބުތައް ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ކުރީ ސަރުކާރުގައި 2021 ވަަނަ އަހަރުން ފެށިގެން ނޮވެމްބަރު 17، 2023އާ ހަމައަށް ރަސްމީ ރޭޓުން ދޫކޮށްފައި ވަނީ 1.75 ބިލިއަން ޑޮލަރެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މިވީ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ރަސްމީ ރޭޓުން ޖުމްލަ 1.94 ބިލިއަން ޑޮލަރު ދޫކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އަދަދުތަކުގެ ތަފްސީލު ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، 2024 ވަނަ އަހަރު އެކަނިވެސް 15.42 ގެ ރަސްމީ ރޭޓުގައި 483.53 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ. މިއީ 2012 ވަނަ އަހަރާ އަޅާބަލާއިރު 97 ޕަސެންޓްގެ ބޮޑުވުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ވިޔަފާރިތަކަށް ދޫކުރި ޓީޓީ އާއި، ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި، ބޭސްފަރުވާއަށް ފުރާ މީހުންނަށް ބޭނުންވާ ޑޮލަރު ހިމެނޭހެން 2025 ވަނަ އަހަރު 733.82 މިލިއަން ޑޮލަރު އަދި 2026 ވަނަ އަހަރުގެ މިހާތަނަށް 718.53 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުން މިހާތަނަށް ދޫކުރި ޑޮލަރުގެ އަދަދު 1.94 ބިލިއަނަށް އަރާފައިވާ އިރު، މިއީ ކުރީ ސަރުކާރާ އަޅާބަލާއިރު 80 ޕަސެންޓްގެ ބޮޑު އިތުރުވުމެކެވެ.

މިނިސްޓަރު ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރީ ސަރުކާރުގެ ފަހު ތިން އަހަރުގެ ތެރޭގައި މަހަކަށް ޑޮލަރު ދޫކުރި މިންވަރާ އަޅާބަލާއިރު، މި ސަރުކާރުން މަހަކަށް ޑޮލަރު ދޫކުރި ނިސްބަތް ވަނީ ގާތްގަނޑަކަށް 97 ޕަސެންޓް އިތުރުވެފައެވެ. އެހެންކަމުން، މި ސަރުކާރުގައި ޑޮލަރުގެ ދަތިކަން ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަސްމީ ރޭޓުގައި އިގްތިސާދުގެ ތެރެއަށް މިހާ ބޮޑު އަދަދަކުން ޑޮލަރު ދޫކުރެވުނު މައިގަނޑު ސަބަބަކީ، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކި މިންވަރަކަށް ބޭންކުތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އެޅުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ސައީދު ވަނީ އޭނާގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ކޮށްފައިވާ އެހެނިހެން ހުރިހާ ތުހުމަތުތަކަށް ވެސް ތަފްސީލީ ގޮތެއްގައި ރައްދު ދެއްވައި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް ދިފާއުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު