އިސްރާއީލުގެ ޖަލުގައި ހުރި ފަލަސްތީނުގެ އަންހެނެއް
އިސްރާއީލުގެ ޖަލުގައި ހުރި ފަލަސްތީނުގެ އަންހެނެއް
އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ އަންހެން އަސީރުންގެ ބޮލުގައި އަޅާފައިވާ ހިޖާބު މަޖުބޫރުން ނެގުވުމަށްފަހު، އެކަނބަލުންގެ އިސްތަށިގަނޑު އިސްރާއީލުގެ އޮފިސަރުން ބަލައިފާސްކުރަމުންދާ ކަމަށް ފަލަސްތީނުގެ ޕްރިޒަނަރ އިންފޮމޭޝަން ސެންޓަރުން ރިޕޯޓުކޮށްފިއެވެ.

މި އަމަލަކީ އަންހެން އަސީރުންގެ އަބުރާއި އިންސާނީ ކަރާމާތަށް އަރައިގަތުމަށް ހިންގާ އިހާނެތި އަމަލެއްގެ ގޮތުގައި އެ ސެންޓަރުން ވަނީ ސިފަކޮށްފައެވެ.

މީގެ އިތުރުން، އަންހެން އަސީރުންގެ ތެރެއިން 17 ކަނބަލަކު އެކަހެރިކޮށް، ވަކިން ބަންދުކުރުމަށްފަހު، އެކަނބަލުންގެ ހިޖާބު ނެގުމަށް މަޖުބޫރުކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މި ފަދަ އަމަލުތަކުގެ ސަބަބުން އަސީރުންގެ ނަފްސާނީ އަދި ޖިސްމާނީ ނުކުޅެދުންތެރިކަން އިތުރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުގެ ޖަލު ބަލަހައްޓާ ފަރާތްތަކުން އަސީރުންނަށް ދެމުންދާ އަނިޔާތަކުގެ ތެރޭގައި ޖިސްމާނީ ގޮތުން އަނިޔާކުރުމާއި، ކަރުނަގޭސް (ޓިއަރ ގޭސް) ބޭނުންކުރުން ހިމެނެއެވެ.

މީގެ ސަބަބުން ބައެއް އަންހެން އަސީރުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އޭގެ ތެރޭގައި ބަނޑުބޮޑު އަންހެނަކުވެސް ހިމެނޭކަމަށާއި، އެކަމުގެ ސަބަބުން އެކަނބަލުންގެ ފުރާނައަށްވެސް ނުރައްކާވަމުންދާ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު