މާލީ ވުޒާރާ-
މާލީ ވުޒާރާ-
މި ހިނގާ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 30.8 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓަށް ބަލާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި 23.835 ބިލިއަން ރުފިޔާވަނީ ލިބިފައެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއަށް ބަލާއިރު، ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 8.062 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްއިން ލިބުނު އާމްދަނީ ވަނީ 1.529 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ހަމައެއާއެކު ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސްގެ ގޮތުގައި 5.782 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އިމްޕޯޓް ޑިއުޓީއަށް 2.513 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އާންމު ޖީ.އެސް.ޓީގެ ގޮތުގައި 4.132 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް 1.552 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ދައުލަތަށް ލިބުނު ހިލޭ އެހީ ވަނީ 0.513 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 30.8 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް ދައުލަތުގެ ޖުމްލަ ޚަރަދުތައް ވަނީ 35.456 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެގޮތުން މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކަށް 5.555 ބިލިއަން ރުފިޔާ އަދި އިދާރީ ހިންގުމަށް 18.539 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ.

ތަރައްޤީގެ މަޝްރޫޢުތަކަށް ކުރި ހޭދަ ނުވަތަ ކެޕިޓަލް އެކްސްޕެންޑިޗަރއަށް ބަލާއިރު، އެ ބަޔަށް ޚަރަދު ކޮށްފައިވަނީ 4.804 ބިލިއަން ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު