ބާ ޖަމާލުއްދީން ބިމުގެ ޕްލޭންގެ ކުރެހުމެއް-
ބާ ޖަމާލުއްދީން ބިމުގެ ޕްލޭންގެ ކުރެހުމެއް-
ކުރީގެ ޖަމާލުއްދީން ސްކޫލް ހިންގި ބިމުގައި (ބާ ޖަމާލުއްދީން ބިމުގައި) މާލޭ ސިޓީ ކައުންސިލުން ކުރަމުންދާ އެންމެހައި މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު އަންގައިފިއެވެ.

ބާ ޖަމާލުއްދީންގެ ބިމާ ގުޅޭގޮތުން މީގެ ކުރިން މާލޭގެ މޭޔަރު އާޒިމް ވިދާޅުވެފައިވަނީ، އެ ބިމުގައި އަޅަން ނިންމާފައިވަނީ އަންޑަރ ގްރައުންޑް ޕާކިންއަކާއި ޕާކެއް ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީއާ ގުޅިގެން ކަމަށެވެ. ނަމަވެސް، މިނިސްޓްރީން މިހާރު ވަނީ އެ ބިމުގައި ކައުންސިލުން ކުރިއަށްގެންދާ އެންމެހައި މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ރަސްމީކޮށް އަންގާފައެވެ.

ހައުސިން މިނިސްޓްރީން މާލޭގެ މޭޔަރު އާދަމް އާޒިމަށް ފޮނުވި ސިޓީއެއްގައި ބަޔާންކޮށްފައިވަނީ، އެ ބިން ހުސްކޮށް އޮތުމުގެ ސަބަބުން އެތަނުގައި އެކި ފަރާތްތަކުން ނޭދެވޭ އަމަލުތައް ކުރުމާއި ކުނި އެޅުން ފަދަ ކަންކަން އިތުރުވެ އާންމުންގެ ކަންބޮޑުވުން އޮތުމުން، ވަށާފާރު ތިރިކޮށް ގޯތިތެރެ ސާފުކޮށް ބެލެހެއްޓުމަށް ކައުންސިލުން އެދުމުން ސެޕްޓެމްބަރު 2024 ގައި އެ ހުއްދަ ދީފައިވާނެ ކަމަށެވެ.

ނަމަވެސް، އެ ބިމަކީ އެއްވެސް އިރެއްގައި ސިޓީ ކައުންސިލްގެ ބޭނުމަށް ހަވާލުކޮށްފައިވާ ބިމެއް ނޫން ކަމަށާއި، މިހާރު އެ ބިމުގައި ކައުންސިލުން މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށް އެ ސިޓީގައިވެއެވެ.

މިނިސްޓްރީގެ ސިޓީގައި ބުނީ، ބާ ޖަމާލުއްދީން ބިމަކީ ސައިކަލުތަކަށް ހާއްސަކޮށްގެން އަންޑަ ގްރައުންޑް ޕާކިން ފެސިލިޓީއަކާއި، ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަ ހިތްފަސޭހަ މައިޒާނެއްގެ އިތުރުން ޖެނެރަލް ޕްރެކްޓިޝަނާ (ޖީޕީ) ކްލިނިކެއް ތަރައްގީކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ބިމެއް ކަމަށެވެ. މިކަން ރައީސް އޮފީހުން ފެބްރުއަރީ 2024 ގައި މިނިސްޓްރީއަށް އަންގާފައިވާ ކަމަށާއި، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީން މިހާރު ވެސް ކުރަމުން އަންނަ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ކުރިންވެސް އެ ބިމުގައި ކައުންސިލުން މަސައްކަތްތަކެއް ކޮށްފައިވާތީ، އެއީ ކޮން މަސައްކަތްތަކެއްތޯ ސާފުކޮށްދިނުމަށް އޭރުގެ ޕްލޭނިން މިނިސްޓްރީން އެދުމުން ވެސް ކައުންސިލުން އެއްވެސް ޖަވާބެއް ދީފައިނުވާކަން ހައުސިން މިނިސްޓްރީގެ ސިޓީގައި ވަނީ ހަނދާންކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް