ރައީސް ޑރ. މުހައްމަދު މުޢިއްޒު
ރައީސް ޑރ. މުހައްމަދު މުޢިއްޒު
ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅުވައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުއްވަނީ ކަނޑައެޅިގެން ހަޤީޤަތާ ޚިލާފު ދޮގު ތުހުމަތުތަކެއް ކަމަށާއި، އެ ހާދިސާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2024 ޑިސެމްބަރު 12 ވަނަ ދުވަހު ހިނގި އެ އަލިފާނުގެ ހާދިސާއަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ފުރިހަމައަށް ތަޙުޤީޤުކޮށް ނިންމާފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެކަމާ އެމަނިކުފާނާ ގުޅުވައިގެން ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި ރައީސް ޔާމީން، ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ތުހުމަތު ކުރައްވާފައިވަނީ އެ އިމާރާތުގައި ރޯކޮށްލުމުގައި ބައިވެރިވީ ރައީސް މުޢިއްޒާ ވަރަށް އަރިސް ބޭފުޅެއް ކަމަށާއި، އެ މައުލޫމާތު ފުލުހުންގެ އަތުގައި އެބައޮތް ކަމަށެވެ.

އެ ތުހުމަތުތައް ދޮގުކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އަލިފާން ރޯވި އެ އިމާރާތަކީ ގާތްގަނޑަކަށް ހަތް އަހަރު ދުވަހު އެމަނިކުފާނު ވަޒީރުކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވި ތަން ކަމަށެވެ. އަދި އެތަނުގައި އަލިފާން ރޯވި ދުވަހު ސީދާ އެ ސަރަޙައްދަށް ވަޑައިގެން ބެއްލެވި ކަމަށާއި، ކުރިން އެތަނުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެ މަންޒަރު ފެނުމުން ލިބިވަޑައިގަތީ އިންތިހާއަށް ބޮޑު ހިތާމައެއް ކަމަށް ވިދާޅުވިއެވެ.

ދަޢުލަތުގެ އެންމެ އިސް މަޤާމު އަދާކުރައްވާފައިވާ ޒިންމާދާރު ބޭފުޅަކު، އެއްވެސް ޖެހިލުމެއްނެތި މިފަދަ ބޮޑެތި ދޮގު ވާހަކަތައް އުފައްދަވައި ފެތުރުއްވުމަކީ ވަރަށް ބޮޑަށް ހިތާމަކުރައްވާ އަދި ހައިރާންވެވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެއްވެސް އަސްލެއް އަދި ޒިންމާދާރުކަމެއް ނެތި ފަތުރާ މިފަދަ ދޮގު ވާހަކަތަކަށް މުޅި މުޖުތަމަޢާއި ރައްޔިތުން އެކަތިގަނޑަކަށްވެ "ނޫނެކޭ" ބުނަންޖެހޭ ކަމަށެވެ. އަދި މިފަދަ ފިތުނަވެރި ވާހަކަތައް ރައްޔިތުން ބަލައިނުގަންނަ ކަމުގެ މެސެޖު ދީފިނަމަ، ސިޔާސީ ބޭނުމަށް ދޮގު ފެތުރުން ހުއްޓުވި، ޤައުމުގައި އަޚްލާޤީ ރިވެތި އާދަތައް އަށަގަންނުވަން ކުރާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު