ފިލްމު ހައިވާންގެ ޕޯސްޓަރެއް
ފިލްމު ހައިވާންގެ ޕޯސްޓަރެއް
ބޮލީވުޑްގެ އެންމެ ކާމިޔާބު ޖޯޑުތަކުގެ ތެރޭގައި ހިމެނޭ އަކްޝޭ ކުމާރާއި ސައިފް އަލީ ޚާން، ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު އެކުގައި ފެންނަ "ހައިވާން" ފިލްމުގެ ޓީޒާއާއެކު ފޭނުންނަށް ބޮޑު ސިއްސުމެއް ވަނީ ލިބިފައެވެ. މީގެ ކުރިން ކާމިޔާބު އެތައް ފިލްމެއްގައި މި ދެ ތަރިންގެ މަޖާ އަދި އެކްޝަން މަންޒަރުތައް ފެނިފައިވީ ނަމަވެސް، މި ފިލްމުން ފެނިގެންދަނީ މުޅިން ތަފާތު، ބިރުވެރި އަދި ކޮންމެވެސް ވަރަކަށް ސީރިއަސް މާހައުލެކެވެ.

ޚާއްޞަކޮށް އަކްޝޭ ކުމާރުގެ ބިރުވެރި ހިނިގަނޑާއި، ސައިފް އަލީ ޚާންގެ ނިކަމެތިކަން ދައްކުވައިދޭ މަންޒަރުތަކުން ފިލްމަށް އޮތް އިންތިޒާރު ވަނީ އިތުރުވެފައެވެ. ޑައިރެކްޓަރު ޕްރިޔަދަރުޝަންގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް މިއީ އާދަޔާޚިލާފު ތަފާތު ތަޖުރިބާއަކަށް ވާނެކަމަށް ޓީޒާއިން ހެކިދެއެވެ.

ޓީޒާއިން ފެންނަ މުހިންމު ކަންތައްތައް:

45 ސިކުންތުގެ މި ޓީޒާ ބިނާކޮށްފައިވަނީ ހިޔަނިތަކެއްގެ މައްޗަށެވެ. ޓީޒާ ފެށިގެން އަންނަނީ އަންހެނެއްގެ ހިތާމަވެރި އަޑަކުން ކިޔާ ލަވަޔަކާއެކު، ސައިފްގެ ކެރެކްޓާ ފޯނުން ވާހަކަދައްކަނިކޮށެވެ. އޭނާގެ ފަހަތުން ބިރުވެރި ގޮތަކަށް އަކްޝޭގެ ކެރެކްޓާގެ ހިޔަނި ފެނިގެންދެއެވެ.

މި ޓީޒާއިން އެނގޭ ގޮތުގައި ސައިފް ކުޅެނީ ލޮލަށް ނުފެންނަ މީހެއްގެ ރޯލެވެ. އޭނާ ހިނގާބިނގާވެ އުޅުމުގައި ކަދުރުބޮއްކެއް ބޭނުންކުރާއިރު، ވަގުތު ބަލަނީ ލޯފަން މީހުން ބޭނުންކުރާ ޚާއްޞަ ގަޑިއެއްގެ އެހީގައެވެ. ޓީޒާގެ ތެރެއިން މީހަކު މަރާލާ މަންޒަރާއި، އުސް އިމާރާތަކުން ގިނަ އަދަދެއްގެ ފައިސާ އުކާލާ މަންޒަރު ފެނިގެންދެއެވެ. ޓީޒާ ނިމެނީ އަކްޝޭގެ ބިރުވެރި ހިނިގަނޑަކާއެކު، އޭނާގެ ނުރައްކާތެރި ކެރެކްޓާ ތައާރަފުކޮށްދެމުންނެވެ.



ފިލްމާ ބެހޭގޮތުން:

ސައްޔާމީ ކޭރް، ޝްރިޔާ ޕިލްގާއޮންކަރް އަދި ބޯމަން އިރާނީވެސް މުހިންމު ރޯލުތަކުން ފެންނަ "ހައިވާން" އަކީ 2016 ވަނަ އަހަރު ޕްރިޔަދަރުޝަން ޑައިރެކްޓްކުރި މަލަޔާލަމް ފިލްމު "އޮއްޕަމް" ގެ ރިމޭކެކެވެ. މި ފިލްމުގައި ސައިފް ފެންނާނީ ކުޑަ އަންހެން ކުއްޖަކު ނުރައްކާތެރި ގާތިލެއްގެ ކިބައިން ސަލާމަތްކުރަން މަސައްކަތްކުރާ، މާޝަލް އާޓްސްގައި ހުނަރުވެރި ލޯފަން މީހެއްގެ ރޯލުންނެވެ.

އަކްޝޭ ކުމާރު މި ފިލްމުގައި ފެންނާނީ މުޅިން ނުލަފާ، ނެގެޓިވް ކެރެކްޓާއަކުންނެވެ. އަކްޝޭ ބުނި ގޮތުގައި މިއީ އޭނާގެ ކެރިއަރުގައި ޕްރިޔަދަރުޝަންއާއެކު ކުޅުނު ގިނަ ފިލްމުތަކާ ޚިލާފަށް، މުޅިން ތަފާތު ބިރުވެރި ރޯލެކެވެ.

މީގެ ކުރިން އަކްޝޭ އާއި ސައިފް ވަނީ "ޔޭ ދިއްލަގީ" (1994)، "މޭން ކިލާޅީ ތޫ އަނާޅީ" (1994)، "ތޫ ޗޯރް މޭން ސިޕާހީ" (1996)، "ކީމަތު" (1998)، "އާރްޒޫ" (1999) އަދި "ތަޝަން" (2008) ފަދަ މަޝްހޫރު ފިލްމުތަކުގައި އެކުގައި މަސައްކަތްކޮށްފައެވެ.

"ހައިވާން" ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު