މަޙްލޫފް
މަޙްލޫފް
ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނީ ގޯސް ނަތީޖާއެއް ނޫން ކަމަށް، ރާއްޖޭން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަހްލޫފް ވިދާޅުވީ، އިންތިޚާބުގައި ނުކުތީ ސަރުކާރުން އެންމެ ބޭނުންވި ނަތީޖާ ނޫން ކަމަށެވެ. ނަމަވެސް ކޮންމެ ސަރުކާރަކުން ވެސް ހުރިހާ ރަށެއްގެ މެޖޯރިޓީ އާއި ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރަން ބޭނުންވާނެކަން ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވީ، ޖުމްލަކޮށް މުޅި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު ސަރުކާރަށް ލިބުނީ ގޯސް ނަތީޖާއެކޭ ބުނެވެން ނެތް ކަމަށެވެ.

"ވަރަށް މަސައްކަތް ކުރިން އަޅުގަނޑުމެން އެންމެ ބޭނުންވާ ނަތީޖާ ނެރެވޭތޯ. އެކަމަކު ޖުމްލަކޮށް ލިބުނު ނަތީޖާ ރަނގަޅޭ. މީތި މި އޮޅުވާލަނީ ރިފެރެންޑަމްއާއި ގުޅުވާލާފަ." މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މަހްލޫފް ވިދާޅުވީ، ވޯޓުލުމުގެ ކުރިން ވެސް ރެފެރެންޑަމްއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ވާހަކަދައްކަވައި، އެކަމުގައި ރައީސްގެ "ޕާސަނަލް އިންޓްރެސްޓް" އެއް އޮތްތޯ ސުވާލު ކުރެއްވި ކަމަށެވެ. އަދި ރައީސް އެކަމަށް "ނޫނެކޭ" ވިދާޅުވި ކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ، އިންތިޚާބުގެ ނަތީޖާއާ މެދު އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، ސަރުކާރަށް ލިބުނު ނަތީޖާއަކީ ކާމިޔާބީއެއްގެ ގޮތުގައި ބެލެވޭނެ ނަތީޖާއެއް ކަމަށެވެ.

މަޙްލޫފް މިހެން ވިދާޅުވެފައިވާއިރު މިމަހުގެ 4 ވަނަ ދުވަހު ނެގުނު ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ހުށައެޅުމަށް 70 އިންސައްތަ ރައްޔިތުން ވަނީ ނޫނެކޭ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު