ކޮވިޑް-19 ގެ ޝިކާރައަށް ވަމުންދާ ދިވެހި މުޖްތަމަޢުގެ ފަރުދުންނަށް ހޭހަންކޮށް ފަރުވާދީ ދިވެހި ރައްޔިތުން އެ ބަލިމަޑުކަމުން ސަލާމަތްކޮށް ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމުގެ މަސައްކަތުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ބަޔަކީ އެޗްޕީއޭގެ ރެޕިޑް ރެންސްޕޯސް ޓީމް ނުވަތަ އާރުއާރުޓީގެ ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ ޓީމުގައި ހިމެނޭ އޮފިޝަލުންނެވެ. އަމިއްލަ ފުރާނަ އަތްމައްޗަށްލައިގެން މުޅި އާއިލާ އެ ނުރައްކަލަށް ހުށަހެޅޭ ފަދަ މާހައުލެއްގައި އަނބިދަރިންނާއި އާއިލާތަކާއި ދުރުގައި ރެއާއި ދުވާލު އެކުރަނީ ޝުކުރުން ފުރިގެންވާ ތައުރީފް ހައްގު މަސައްކަތްތަކެކެވެ. އަމިއްލަ ޢާއިލާއާއި ދުރުގައި ތިބެ ބުރަކަމެއް ނުދައްކައި ވަރުބަލިކަމެއް ނެތި ޝަކުވާއެއް ނެތި ގައުމީ ޚިދުމަތުގައި މިއަދު އެ އޮފިޝަލުން އެ ދައްކަނީ ހިތްވަރުގަދަކަމާއި ސާބިތުކަމާއި ކެތްތެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ.

އެހެން ނަމަވެސް އެފަރާތްތަކުގެ މިމަތިވެރި "ގުރުބާނީ"ގެ އަގުވަޒަންކުރުމުގެ ބަދަލުގައި ބައެއް މީހުންގެ ފަރާތުން އަމާޒުވަނީ ހަރުކަށި ހުތުރު ބަސްތަކާއި އާޑަ ފުރައްސާރައެވެ. ނުރައްކަލާއެކު މީހުންނާ ކުރިމަތިލައި ކޮންމެ ދުވަހަކު ބަލިޖެހައިފައިވާ އެތައް ބައެއްގެ ވެސް ސާމްޕަލް ނަގަމުން ގެންދާ މި މީހުން ބައެއް މީހުން ސިފަކުރަނީ ބައްޔެއް ނުވަތަ ނަޖިހެއް ފަދައިންނެވެ. ސާމްޕަލް ނެގުން ލަސްވުމާއި، ނަގާގޮތާއި މެދު ހިތްހަމަނުޖެހިގެންނާއި އެހެނިހެން ވެސް އެފަދަ ކަންކަމުގައި އެޗްޕީއޭދެކެ އަންނަ ރުޅިގަނޑު ސާމްޕަލް ނަގަންދާ އޮފިޝަލާއި ދިމާލަށް ބާލާލައި، އޭނާ އަށް ހެއްދެވި ނުހެއްދެވި އަށް ގޮވައި، އެވަގުތަކު ދުލަށް އައިއެއްޗެއް ގޮވާލައި ހިތުގައި ހުރި ހުރިހާ އުދާސްތައް އެމީހުންނަށް ބޭރުކޮށްލާއިރު ރަހުމެއް، ކުލުނެެއް، ހަމްދަރުދީއެއް، ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތްކަހަލައެވެ.

އެންމެފަހުން އެވަރުން ނުފުދިގެން ގަޔަށް ލޮލަށް ބޮލަށް އަަރާން ވެސް މިހާރު ފަށައިފިއެވެ. އެންމެ ބޮޑު ހިތާމައަކީ ދައުލަތުގެ އެއްބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ގާނޫނު ހަދާ މަޖިލީހުގެ އެބުނާ ޢިއްޒަތުން ފުރިގެންވާ މެމްބަރެއްގެ ފަރާތުން ވެސް މިދެންނެވި ފަދަ ހަޑި މުޑުދާރު އަމަލެއް ފެނިގެންދިޔުމެވެ. ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރި ރައްޔިތުންގެ މަންދޫބެއްގެ ފަރާތުން ފެނިގެން އެދިޔައީ ވަރަށް ވެސް ލަދުވެތި އެހާމެ ހުތުރު މުޅި ދައުލަތް ވެސް އެކަމާ މެދު ލަދުން އިސްޖަހާލަންޖެހޭ ވަރުގެ ހައްސާސް މައްސަލައެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ސާމްޕަލް ނަންގަވަން ވަޑައިގެންނެވުމުން އެކަމާއި އުޅުއްވި ފްރޮންޓްލައިންގެ ސިއްހީ އޮފިޝަލަކަށް ހަމަލާދިނުމަށްފަހު، އެކަން ދިފާއުކުރަށްވަން އުޅުއްވަނިކޮށް އެންމެ ފަހުން "އަމިއްލަ އަތްޕުޅަށް ގޮވައި" ހޫނު ފެނަށްވެއްްޓުމުން މާފަށް އެދިވަޑައިގެންނެވި ނަމަވެސް ހަގީގަތަށް ފަސްއަޅާ ފޮރުވާނީ ކިހިނެއްހެއްޔެވެ؟

އެހާދިސާގެ ސަބަބުން ސާމްޕަލް ނެގި އޮފިޝަލަށް ނަފުސާނީ ގޮތުން ލިބުނު ގެއްލުމާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ އެޗްޕީއޭގެ އޮފިޝަލުންގެ މަސައްކަތް، މެމްބަރު އިކްރާމް ހަސަން ކިލަނބުކޮށްލައްވަން ދެއްކެވި ވާހަކަތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އިއާދަކުރާނީ ކިހިނެތް ހެއްޔެވެ.؟ މިއީ ހައްތަހާވެސް ހިތުގައި އުފެދޭ ސުވާލުތަކެކެވެ.

"ރަސް އޮންލައިން" އަށް ދިން އިންޓަވިއު އެއްގައި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަންގެ ސާމްޕަލް ނެގި އަންހެން އޮފިޝަލު ވިދާޅުވީ، ދެފަހަރެއްގެ މަތިން އަތްއިސްކޮށް (އެއްފަހަރު އަތުގައި، އަނެއްފަހަރު ފޭސް ޝީލްޑްގައި) ޖައްސަވައި، އަނިޔާކުރާނަމަ ޖެހުމުގެ ޙައްޤު އޮންނާނެކަމަށާއި ތަކުރާރުކޮށް ޖަހާނެކަމަށް އޭނާ ވިދާޅުވި ކަމަށެވެ. އޭގެ އިތުރުން "ތިމަންނާއަކީ އެމްޕީއެއް ކަމަށާއި ތިގޮތަށް އަނިޔާނުކުރެވޭނެކަމަށާއި ޕޮލިހުންނަށް މައްސަލަ ހުށަހަޅާނެކަމަށް ވިދާޅުވެ މެންބަރު އިކްރާމް ސިއްހީ އޮފިޝަލަށް ބިރުދައްކާފައިވާކަމަށް އޮފިޝަލު ވިދާޅުވެފައިވެއެވެ. އަދި އެ މެންބަރު އޭނާގެ ނަން ހޯއްދަވަންވެސް މަސައްކަތް ކުރެއްވިކަމަށާއި އެ މެންބަރު އޭނާ އާއި މުޚާތަބު ކުރަށްވައި، "ތިޔައީ މުސްލިމެއް ނޫން" ކަމަށް ވެސް ވިދާޅުވެފައިވާ ކަމަށް އޮފިޝަލް "ރަސް އޮންލައިން" އަށް ދެއްވި އިންޓަރވިއުގައި ވިދާޅުވިއެވެ.

"ސާމްޕަލް ނަގަން ނޭފަތު ތެރެއަށް ލައްވާ އެތި ނުފެންނާތީ ސާމްޕަލް ނަގަން ނޭފަތުގައި ޖެހޭ ހިސާބުގައި ޖެހުނީމަ އަޅުގަނޑުމެންނަށް ފީލްވާނެ (އެގޭނެ) އޭނާގެ ޖެހުނީމަ ތިންސިކުންތު ވީމަ ރޮޓޭޓް ކޮށްފައި އަޅުގަނޑު ނެގީ. ނެގީމަ އޭނަ ޖެހީ އަޅުގަނޑު ގައިގަ، ޖަހާފައި ބުނީ ކަފަބުރު ލައްވާފައި ތިޔަ ތަޅުވައިގަތީ ނޫން ހެއްޔޭ. ތިހާ އެތެރެއަށް ކޮށްޕާކަށް ނުޖެހޭނެޔޭ، އަހަރެން އަލަށްކުރާ ކަމެއް ނޫނޭ، އެއްވެސް ބަޔަކު ތިޔަހެނެއް ނަހަދައޭ ވެސް ބުނި. ދެން އޭނާ ކިޔާން ބޭނުން އެއްޗެހި ކިޔާ ނިމުނީމަ ބުނިން ޖެހީހޭ ތި. ބުނީމަ ބުނީ އާ މި ޖެހީއޭ." އޮފިޝަލް "ރަސް އޮންލައިން" އަށް ކިޔައިދީފައިވެއެވެ.

ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ އެޗްޕީއޭގެ މި އޮފިޝަލުގެ ނަޒަރުގައި މިހަމަލާއަކީ މުޅި އެޗްޕީއޭގެ ސާމްޕަލް ނަގާ ޓީމަށް ދެވުނު ހަމަލާއެކެވެ. މެމްބަރު އިކްރާމް ހަސަން އާއި އެއްވެސް ޒާތީ މައްސަލައެއް އޮފިޝަލުގެ ނެތް ކަމަށް އޭނާ ޔަގީންކަން ދެއްވިއެވެ. މެމްބަރު އިކްރާމް ހަސަން، ސާމްޕަލް ނެގި އޮފިޝަލްގެ ކިބައިން މާފަށް އެދިވަޑައި ގެންނެވުމަށް އޭނާގެ ގެއަށް ވަޑައިގެންނެވުމުން އެޗްޕީއޭގެ ސާމްޕަލް ނަގާ ޓީމުގެ ކިބައިން މާފަށް އެދިވަޑައިގެންނެވުމަށް އޮފިޝަލު އެދިވަޑައިގެންނެވުމުގެ ސިއްރަކީވެސް އެއީ ކަމުގައި އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ބުނިން އެއީ ވަކި މީހަކަށް ވެގެން ކުރިކަމެއް ނޫނެއްނޫންހޭ، ޓީމަށޭ އެޕްލޮޖައިޒް ކުރަންޖެހޭނީ، އަޅުގަނޑު ކޮންމެހެން ގަދަވާކަށް ބޭނުމެއް ނޫން. މުޅި ޓީމް އެއްކޮށް ދުއްވާލީމަ އެއީ ވަކި މީހަކަށް އައި އެއްޗެއް ނޫން. އެކަން ޖެހޭނެ ގަބޫލުކުރަން." މަސްލަހަތަށްޓަކައި ނަން ހާމަ ނުކުރުމަށް އެދި ވަޑައިގެން "ރަސް އޮންލައިން" އާއި ވާހަކަ ދައްކަވަމުން އޮފިޝަލު ވިދާޅުވެފައިވެއެވެ.

މެމްބަރު އިކްރާމް ހަސަން މިމައްސަލައިގައި މާފަށް އެދިވަޑައިގެންނެވި ނަމަވެސް އޮފިޝަލު ހުންނެވީ މައްސަލައިގައި އެންމެ ތަންކޮޅެއް ވެސް ދޫދެއްވާ ކަހަލަ ގޮތަކަށް ނޫނެވެ. މެމްބަރު އިކުރާމް ސިއްހީ އޮފިޝަލުގެ ގައިގައި ޖެހި މައްސަލަ ހުށައެޅީ ހުރިހާ ފޮރޮންޓްލައިން ވޯކަރުންގެ ހައްގުގައި ކަމަށް އޭނާ ވިދާޅުވިއެވެ. "ލައްކަ ކެތްކުރެވިއްޖެ. މިހާރު ކެތްތެރިކަން ކޮޅުންލައިފި."

އޭނާ ބޭނުންވަނީ ލިބުނު އަނިޔާ އަށް އިންސާފު ލިބި މުޖުތަމައު ތެރެއިން ސިއްހީ ޚިދުމަތްތެރިންނަށް ކުރިމަތިވާ ގޯނާ އާއި ފުރައްސާރަތަކަށް ނިމުމެއް އައިސް އެފަރާތްތަކުގެ މަސްއޫލިއްތު ފުރިހަމަގޮތުގައި އަދާކުރެވޭނެ މާހާއުލެއް ގާއިމްވުމެވެ. އޭނާ ވިދާޅުވާ ގޮތުން ވަރުގަދަ އަޒުމާއި ހިތްވަރާއި އެކު ތޮށިގަނޑު ފަޅާލާފައި ނުކުންނެވީ އެ މަގުސަދު ހާސިލް ކުރުމުގެ ހެޔޮ ނިޔަތުގައެވެ.

ކޮވިޑް އޮޕަރޭޝަން ފެށުނީއްސުރެ ދެގޮތެއް ނުވެ ގާތްގަނޑަކަށް 8000 ސާމްޕަލް ނެގި މިދެންނެވި ސިއްހީ އޮފިޝަލަށް މިކަހަލަ ކަމެއް މީގެ ކުރިން ތަޖުރިބާކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް މެމްބަރު އިކްރާމް ހަސަންގެ ފަރާތުން ކުރިމަތިވި ކަންތައްތަކާއެކު މަގުމަތިން ފުރައްސާރަ ކުުރުން ކުރިއަށްވުރެވެސް ވީބޮޑެވެ. ފުރައްސާރަ ކުރަން ބަޔަކަށް ލިބުނީ ހިތްވަރެވެ.

ސާމްޕަލް ނަގަން ގިނަ އަދަދެއްގެ އަންހެން ކަނބަލުން ހަރަކާތްތެރިވާއިރު "ޖަހާނަމޭ، ލަޑާނަމޭ" ބުނެ ބިރު ދެއްކުމަކީ އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. އޮފިޝަލްގެ ކަންބޮޑުވުމަކީ މެމްބަރުގެ އަމަލާއި ހެދި ރައްޔިތުން ދެކޭގޮތް ބަދަލުވެ ފުރައްސާރަ އާންމުވެ އިތުރު ނުރައްކަލާއި ކުރިމަތިވުމުގެ ބިރެވެ. އޭގެ މިސާލެއް ވެސް އޭނާ ދެއްކެވިއެވެ. އެގޮތުން ސީރިއަސް ހާލަތެއް ދިމާވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވާ ޑޮކުޓަރު ގައިގައި ޖަހަން ކެރޭނެތޯ އޭނާ ސުވާލު އުފެއްދިއެވެ.

މިކަމާއި ގުޅިގެން އެމްއެޗްޕީޔޫއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުން އިންތިޚާބުކުރާ އެފަދަ މަޤާމެއްގައި ހުރެ ރައްޔިތުންނަށް ޚިދުމަތްދޭ އާދައިގެ މުވައްޒަފަކަށް ފުރައްސާރަކޮށް ހަމަލާދީ އަދި އެކަން ދިފާޢުކުރަން ކުރާ މަސައްކަތް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށެވެ. މީގެ އިތުރުން އެމްއެޗްޕީޔޫއިން ވަނީ އެ މުވައްޒަފު ތަމްސީލުކުރާ އެއްވެސް އިދާރާއަކުން އެ ޢަމަލު ކުށްވެރިކޮށް ފިޔަވަޅުއަޅާފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިފަދަ ޢަމަލުތަކުން ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ނަފްސާނީ އަދި ޖިސްމާނީ ގެއްލުން ލިބެމުންދާކަމަށް ވެސް އެ ބަޔާނުގައިވެއެވެ. މި ގޮތުން އެފަދަ ޢަމަލުތައް ހިންގާ ފަރާޔތްތަކާމެދު ފިޔަވަޅު އެޅުމަށް ވެސް އެ ޔޫނިއަނުން ވަނީ ގޮވައިލާފައެވެ.

މިއަދު ފުރާނަ އަތްމައްޗަށް ލައިގެން ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން ނުކުމެ ތިބި އެ ޚިދުމަތްތެރިން އެކޮށްދޭ ޚިދުމަތުގެ އަގު ރައްޔިތުން އަދާ ކުރަނީ އަތް ދަމާފައި ކަންކަށި މަތީގައި އަޅާ ވިހެލައިގެން ކަމަށް ވާނަމަ އެ ޚިދުމަތްތެރީންގެ ޚިދުމަތް ތިޔަ ދެއްވަނީ ވަރަށް ވެސް ރަނގަޅަށެވެ. މިއަދު ތިމާ ބަލިވިޔަސް ތިމާގެ އާއިލާގެ މެންބަރަކު ބަލިވިޔަސް އަދި ސާމްޕަލް ނަގަން ވިޔަސް އެނދުމަތިކޮށްގެން ބަލަހައްޓާން ވިޔަސް އެކަން ކޮށްދޭން ތިބީ ހަމަ އެޚިދުމަތް ތެރީންނެވެ. މި ނުރައްކާތެރި ރޯގާއަކީ ބަލި ޖެހުމަށްފަހު ވަކި ތަނެއްގައި ވަކި ގޮތަކަށް މެނުވީ ފަރުވާދީ ބެލެއްހެއްޓޭ އޮތް ބައްޔެއް ނޫންކަން އަޅުގަނޑުމެން އެންމެންނަށް އެނގެއެވެ.

މިމައްސަލައިގައި އަނިޔާ ލިބުނު ފަރާތަށް އިންސާފު ލިބުމަކީ މި މައްސަލަ އެއްވެސް ތަފާތު ކުރުމެއް ނެތި ބަލައި އިންސާފު ގާއިމު ކުރުމެވެ. މިއީ މިފަދަ ކަންކަން ތަކުރާރު ނުވުމަށް އެޅޭނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. އަދި މިއީ މުޅި ރައްޔިތުންގެ ހައްގުގައި، މިފަދަ ހައްސާސް ދަނޑިވަޅެއްގައިވެސް ރައްޔިތުންގެ ޚިދުމަތުގައި ކެރިގެން ހިތްވަރާއެކު ނުކުމެ ތިބި އެންމެންގެ ހައްގުގައި ކުރަން ޖެހޭނެ ކަމެކެވެ.

އެކަމަކު މައްސަލައަކީ އަދިވެސް ރަސްމީ އެއްވެސް ފަރާތަކުން މިކަމާއި ކަންބޮޑުވެ މި މައްސަލަ ބެލުމަށް މަސައްކަތް ކުރާތަން ނުފެނުމެވެ. މަޖިލީހުގެ މެންބަރަކަށް ވީމާ މިމައްސަލަ ނުބަލައި އޮއްބާލައި ވަރަށް ނުސީދާ ބަޔާނަކުން ފުއްދާލައިގެން އެޗްޕީއޭއިން ވެސް މިއަދު ތިބެން ޖެހުނީ ކޮން މަޖުބޫރުކަމެއް އޮވެގެންތޯ މިއަދު ސުވާލު ކުރާނެއެވެ. އަދި މައްސަލައެއް ތަހުގީގު ކުރާ ވަރު ކަމެއް ނުހިނގާ ކަމަށް ނޫނީ ހުށައަޅާފައި ނުވާ ކަމަށް އެޗްޕީއޭއިން މީޑީއާގައި ބުނުމަކީ ސުވާލު އުފެދޭ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު


22

ކިންގް

15-Oct-2020

ކީއްކުރާހާ މުއައްސަސަސާތަކަކާ ފުލުުުންނެއް? އަހަރެމެން ކަހަލަ ގޭންގަކާ ހަވާލުކޮއްބަލަ. ތިހެން އަންހެނެއްގެ ގައިގަ އަހަރެމެންވެސް ނުޖަހަން. ޖަހއިފިއްޔާ އަހަރެމެން ގޮސް ޖަހާނަން. ފުލުހުން މިކަން ރަނގަޅަށް ނުބެލިއްޔާ އަދި ކޯޓުން ތިޔަ އިކުރާމަކަށް އަލާކެނޑޭވަރު ހުކުމެއް ނައިއްސިއްޔާ އަހަރެން މާލޭ ގުރޫޕުތަކަށް ގޮވާލަން ސިއްހީ ހިދުމަތްތެރިންގެ ހަށިފާރަވެރިންނަށް ތިބުމަށް. އެންމެ ކުރިން މަށާ ަމގޭ ގޭންގް ދާނެ.



ޓްރެންޑިން