މަޖިލީހުގެ ކުރީގެ މެންބަރު ޢަލީ ޙުސައިން
މަޖިލީހުގެ ކުރީގެ މެންބަރު ޢަލީ ޙުސައިން
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގައި މިހާރުގެ ސަރުކާރަށް ސިޔާސީ ގޮތުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވަނީ، ލިބިފައިވާ ދައުރުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ބަދަލުގައި، ނުލިބޭ ދައުރެއް ހޯދުމަށް ފޯކަސް ކޮށްގެން މަސައްކަތް ކުރުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން މިހެން ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަޙާ ގުޅޭގޮތުން "ރަސް އޮންލައިން" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. އެގޮތުން ޢަލީ ޙުސައިން ވިދާޅުވީ، ސަރުކާރުގެ ހިންގުން ނުވަތަ 'ގަވަނަންސް' މިހާރު ވަނީ ވަރަށް ބޮޑަށް ފޭލްވެފައި ކަމަށެވެ. ވަކިން ޚާއްޞަކޮށް، ލޯކަލް ކައުންސިލް އިންތިޚާބާއި ޤައުމީ ފެންވަރުގެ ރިފަރެންޑަމް ފަދަ ކަންކަން އެއްކޮށްލައިގެން ކުރިއަށް ގެންދަން އުޅުމަކީ ސަރުކާރުން ހެދި ބޮޑު ގޯހެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

"ސިޔާސީ ވޯޓަކާއި ޤައުމީ ރިފަރެންޑަމްއެއް އެއްކޮށްލުމަކީ ހަމަ ގަވަނަންސް އިޝޫއެއް. މީގެ ސަބަބުން އިދިކޮޅު ފަރާތްތަކަށް އެކުވެގެން މަސައްކަތް ކުރުމުގެ ފުރުޞަތު ލިބި، ސަރުކާރަށް އިތުބާރު ނެތްކަން އެހާބޮޑަށް ހާމަވެގެން ދިޔައީ." ޢަލީ ޙުސައިން ވިދާޅުވިއެވެ.

ހަމައެއާއެކު ޢަލީ ޙުސައިން ވިދާޅުވީ، ރައީސް މުޢިއްޒުގެ ސަރުކާރުން މިހާރު ތިބީ "ކޮމްފަޓް ޒޯން" އެއްގައި ނޫން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ސަރުކާރަށް ވަރަށް ބޮޑަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، ދޮގު ހެދުމާއި އޮޅުވާލުން އިންތިހާއަށް އިތުރުވެފައިވާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ނުލިބޭ ދައުރެއް ހޯދަން އުޅެގެން އަސްލު މިހާ ހިތި ނަތީޖާއެއް ފެނުނީ. މިހާރު މިއޮތީ ސަރުކާރަށް އޮތް އިތުބާރު ގެއްލި، ބަލިވެފައި." ޢަލީ ޙުސައިން ވިދާޅުވިއެވެ.

ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޢަލީ ޙުސައިން ވިދާޅުވީ، ކުރީގެ ސަރުކާރުތަކަށްވުރެ މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ބޮޑުވެފައިވާ ކަމަށާއި، ޚާއްޞަކޮށް ކަންކަން އޮޅުވާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު ބޮޑުކަމަށެވެ.

ޢަލީ ޙުސައިން މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު