މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް)
މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް)
މިހާރު ފެންނަމުންދަނީ ގައުމު ބިނާކުރާތަން ނޫން ކަމަށާއި، އޭގެ ބަދަލުގައި ފެންނަނީ ގައުމު "ދިރުވާލާތަން" ކަމަށް އިޤްތިޞާދީ މާހިރު އަދި ޤައުމީ ކަންކަމުގައި އަޑުއުފުއްލަވާ މުހައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ގައުމުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަށްވަމުން، ނަފާ ނަސީމް ވިދާޅުވީ، ދައުލަތަށް އާމްދަނީ ލިބޭނެ އިތުރު މަގުތަކެއް މިއަދު ފެންނަން ނެތް ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ، ދައުލަތުގެ ޚަޒާނާގައި ފައިސާ ނެތްއިރުވެސް، ބޮޑެތި އަދަދުތަކުން ދަރަންޏަށް ޚަރަދުކުރަމުންދަނީ ވެރިންގެ އަމިއްލަ އެދުމަށްޓަކައި ކަމަށެވެ. އަދި މިކަމަކީ ވެރިކަމުގައި ދާއިމަށް ތިބުމަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ހަމައެއާއެކު "ޒަމީރެއް، ހިތެއް، ލަދެއް ނެތް ބައެއް" ކަމަށް ވިދާޅުވެ، މިހާރުގެ ވެރިކަމުގެ ނިޒާމަށް ނަފާ ނަސީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ވެރިން އުޅެނީ "ނެތްލާރިން ދަރަންޏަށް ފައިސާ ހޯދައިގެން ވެރިކަމުގައި އުމުރަށް ތިބެން" ކަމަށެވެ. އަދި އެފައިސާއިން ރައްޔިތުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަށްވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.



އޭގެއިތުރުން އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުތަކުން ގެންގުޅޭ އުކުޅުތަކަށް އިޝާރާތް ކުރައްވަމުން ނަސީމް ވިދާޅުވީ، އިންތިޚާބުގެ ފަހުވަގުތު ތަފާތު މަޝްރޫއުތަކުގެ ބިންގާ އެޅުމާއި، ވަޒީފާ ދިނުމާއި، ކޯޓުތަކުގައި ހުރި މައްސަލަތައް ނެގުމާއި، ކުޅިވަރު ކޯޓުތައް އެޅުން ފަދަ ކަންކަމަކީ މިހާރު އާންމުވެފައިވާ ކަންކަން ކަމަށެވެ.

މީގެ އިތުރުން ކުލި ކުޑަކުރުމާއި ލޯނު މާފުކޮށްދޭނެ ކަމަށް ބުނެ ހަދާ އިތުރު ދޮގާއި މަކަރަކީ ވެރިންގެ "ހެޔޮލަފާކަން" ދެއްކުމަށް ކުރާ ކަންކަން ކަމުގައި އޭނާ ވިދާޅުވިއެވެ.



ހަމައެހެންމެ ރައްޔިތުންގެ ހޭލުންތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން "ނަފާ" ވަނީ، މިފަދަ ކަންކަމަށް ރައްޔިތުން އަތްޖަހައި ވޯޓުދޭ ކަމަށްވެސްް ވިދާޅުވެފައެވެ. ނަމަވެސް، އޭގެ ނަތީޖާ ފަހުން ފެނުމުން ރައްޔިތުން އަނެއްކާވެސް ވެރިކަމުގައި ތިބޭ މީހުންނަށް އެއްޗެހި ކިޔަން ފަށާނެ ކަމަށާއި، މިއީ ތަކުރާރުވަމުންދާ ހިތާމަވެރި ސިލްސިލާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަސީމް މިހެން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ގުޅިގެން ސަރުކާރުން އެކި ގޮތްގޮތަށް ރައްޔިތުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު