އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ)
އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ)
އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ހއ. އިހަވަންދޫ ކައުންސިލަށް ވާދަކުރާ މިނިވަން ކެންޑިޑޭޓުންގެ ޓީމަށް ތާއީދުކުރަށްވައި، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ކެމްޕޭނަށް ނިކުމެވަޑައިގެންފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އިހަވަންދޫ ކައުންސިލްގެ މިހާރުގެ ރައީސް އަހުމަދު ސަބާހު އިސްވެ ހުންނަވައި "ރައްޔިތުންގެ ޓީމު"ގެ ނަމުގައި ހަރަކާތްތެރިވާ މިނިވަން ކެންޑިޑޭޓުންގެ ޓީމާ މުހައްމާ ގުޅިވަޑައިގަތީ ވަރަށް ފަހުންނެވެ. ވެރިކަންކުރާ ޕީއެންސީގެ ސެނެޓަރެއްގެ މަގާމުގައި ހުންނެވި ނަމަވެސް، މުހައްމާ ވަނީ އެ ރަށުގައި ސަރުކާރު ކެންޑިޑޭޓުންނާ ދެކޮޅަށް ވާދަކުރާ މިނިވަން ކެންޑިޑޭޓުންނަށް ތާއީދުކުރައްވާނެކަން އިއުލާނު ކުރަށްވާފައެވެ.

މުހައްމާ އޭނާގެ އުފަން ރަށް، އިހަވަންދޫއަށް އިއްޔެ ވަޑައިގަތުމުން އެ ރަށު ބަނދަރު މަތިން އޭނާއަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި މިނިވަން ކެނޑިޑޭޓުންގެ ކެމްޕޭން ހަރަކާތުގައި މުހައްމާ ވިދާޅުވީ، އޭނާ ހުންނެވީ ރައްޔިތުންގެ ޓީމާއެކު ކަމަށެވެ. މުހައްމަދު އަބްދުﷲ އަކީ މި ސަރުކާރުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިވެވަޑައިގަތީ މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން އައު ކޮމިޝަނެއް އުފެދި، ކުރީގެ ބްރޯޑްކޮމް އުވުމާ ގުޅިގެންނެވެ.

ޕީއެންސީގެ ސެނެޓަރެއްގެ ގޮތުގައި ހުންނަވައި މުހައްމާ މިނިވަން ކެންޑިޑޭޓުންނަށް ކެމްޕޭން ކުރަށްވަން ފެއްޓެވުމަކީ އިހަވަންދޫގެ ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މުހައްމާ އަކީ ރައީސް މުޢިއްޒު ވެރިކަމަށް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މީގެ ކުރިން 18 ވަނަ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރުކަން ކުރެއްވި މުހައްމާ ވަނީ ސިޔާސީ ގޮތުން ޖުމްހޫރީ ޕާޓީ، ޕީޕީއެމް އަދި އެމްޑީޕީގައިވެސް މަސައްކަތް ކުރައްވާފައެވެ. އެންމެ ފަހުން ބޭއްވި މަޖިލިސް ޕްރައިމަރީގައި ޕީއެންސީގެ ޓިކެޓަށް ވާދަކުރެއްވި ނަމަވެސް، އޭނާއަށް ޕްރައިމަރީ ކާމިޔާބެއް ނުވިއެވެ.



ކިޔުންތެރިންގެ ހިޔާލު