ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 43 ވަނަ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް ނިންމައިފިއެވެ.

ޤައުމީ ބޭންކު އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ޖަލްސާ އޮންނާނީ މި ހިނގާ މާރިޗު މަހުގެ 28 ވާ ހޮނިހިރު ދުވަހުގެރޭ ބާސެލޯ ނަސަންދުރާ މާލޭގެ ބޯލްރޫމްގައި ކަމަށެވެ. މި ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާއަށް ހާޟިރުވެގެންނާއި، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް ވަގުތުން ބައިވެރިވެވޭ ގޮތަށެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޕްރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެބޭންކުން ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ 26 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 9:00 އެވެ. މިޖަލްސާގައި ހިއްސާދާރުންނަށް އެމްއެސްޑީގެ "އިންފިނިޓީ" ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓަރީ ކުރެވޭނެ ކަމަށް ޤައުމީ ބޭންކުން ބުންޏެވެ.

މި އަހަރުގެ ޖަލްސާއަށް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މުހިންމު ކަންތައްތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ބޯނަސް ހިއްސާ ދޫކުރުމާއި، ހިއްސާ ބައިކުރުމުގެ އިތުރުން ބޭންކުގެ އަސާސީ ގަވާއިދަށް އިސްލާހު ގެނައުން ހިމެނެއެވެ. މި ނިންމުންތަކަކީ ހިއްސާދާރުންގެ ޚާއްސަ ގަރާރަކުން ފާސްކުރަންޖެހޭ ކަންކަމަށްވާތީ، ވީހާވެސް ގިނަ ހިއްސާދާރުން ޖަލްސާގައި ބައިވެރިވުމަށް ބޭންކުން ވަނީ އެދިފައެވެ.

މާލީ ގޮތުން ބަލާއިރު، 2025 ވަނަ އަހަރަކީ ބީއެމްއެލް އިން ރެކޯޑު ނަތީޖާއެއް ހާސިލްކުރި އަހަރެކެވެ. އެގޮތުން ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރާ އަޅައިބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެއް ކަން ފާހަަގަކޮށްލެވެއެވެ. ބޭންކުގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ވޭތުވެދިޔަ އަހަރު އަލަށް 10 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ. މިއީ ބޭންކުގެ ތާރީޚުގައި އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދަކަށް ލޯނު ދޫކުރި ފަހަރެވެ.

މީގެ އިތުރުން، ފާއިތުވި އަހަރު 30،000 އަށްވުރެ ގިނަ އައު ކަސްޓަމަރުން ބޭންކާ ގުޅިފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް ވަނީ 2024 ވަނަ އަހަރަށްވުރެ 16 އިންސައްތަ އިތުރުވެފައެވެ. މިއީ ދިވެހިރާއްޖޭގެ ގައުމީ ބޭންކަށް އޮތް އިތުބާރު ވަރުގަދަކަން ހާމަކޮށްދޭ އަލިގަދަ ހެއްްކެކެވެ.



ކިޔުންތެރިންގެ ހިޔާލު