މައި ދެ އިންތިޚާބު އެއްކުރަން މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން ބިކަކޮށް، ނިކަމެތިކޮށް، ގޮތްހުސްކޮށްލައި، އަޅުދާސް ކުރުވަން ކަމަށާއި، އެކަން ކޮށްފިނަމަ ގާނޫނު އަސާސީގެ އަސްލު ބޮޑުކޮށް ގެއްލިގެންދާނެ ކަމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މ. އަތޮޅު މެމްބަރުކަން ކުރެއްވި، އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަދައްކަވަމުން ޝަފީގު ވިދާޅުވީ، ދެ އިންތިޚާބު އެއްކުރުމަކީ ސީދާ ރައްޔިތުންގެ ކިބައިގައި އޮތް ބާރުވެރިކަން ފުރޮޅާލުމަށް ސަރުކާރުން ކުރަން އުޅޭ ކަމެއް ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުން ނިކަމެތިވެ، ބިކަކޮށްލުމަށް ގޮސް ހުސްކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި، އޭރުން ރައްޔިތުން އަޅުދާސްވާނެ ކަމަށް ވެސް ޝަފީގު ވިދާޅުވިއެވެ.

ރައްޔިތުން އަޅުދާސްވުމުން، ސަރުކާރަށް އިންތިޚާބުތައް ކާމިޔާބު ކުރަން ފަސޭހަވެގެންދާނެ ކަމަށް ޝަފީގު ވިދާޅުވިއެވެ. ނަމަވެސް، އެ ގޮތަށް ވެރިކަން ކުރުމުން ރައްޔިތުންނަށް ލިބޭނީ ހުސް ގެއްލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަފީގު ވިދާޅުވީ، ސަރުކާރުން މިހާރުވެސް ގާނޫނު އަސާސީގެ އެއްބާރުގެ ބާރުވެރިކަން ގެއްލުވާލައި، ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. ހަމައެހެންމެ، ސަރުކާރުން ހަމަޖައްސާ ބަޔަކު ތިބޭޭ ގޮތަށް ހަދައި، ރާއްޖޭގައި ހަގީގީ މިނިވަން، މުސްތަގިއްލު މުއައްސަސާ ތަކެއް ނެތް ކަމަށް ވެސް ޝަފީގު ވިދާޅުވިއެވެ.

"އެ ގޮތަށް އިންތިޚާބުތައް ކާމިޔާބު ކޮށްގެން ވެރިކަން ކުރީމަ ލިބޭނީ ގެއްލުން. ނިކަމެތިކަން. އަނިޔާ ރައްޔިތުންނަށް. ހަމަ ގާނޫނު އަސާސީގެ ވަރަށް ބޮޑު ބައެއް އެ ދުއްވާލަނީ. ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާފަ އެ އޮތީ. މިނިވަން، މުސްތަގިއްލު މުއައްސަސާތަކުގެ ބާރު ކަނޑުވާލައިފި. ދެން މި ރާއްޖޭގަ މިނިވަން، މުސްތަގިއްލު މުއައްސަސާ އެއް ނުވެސް ނެތޭ." ގާނޫނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ މެންބަރު ސައްޕެ ވިދާޅުވެފައިވެއެވެ.

ރޭގެ ޕްރޮގްރާމްގައި ސައްޕެ ވަނީ އަތޮޅު ކައުންސިލްތައް އުވާލައި، އެލްޖީއޭގެ މައްޗަށް ސިޓީސް މިނިސްޓްރީއެއް އުފައްދާފައިވުމަކީ ކައުންސިލްތަކުގެ ބާރުވެސް ކަނޑާލުމަށް ސަރުކާރުން ކޮށްފައިވާ ކަމެއްކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް