ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް (ރެފަރެންޑަމް) ނެގުމަށް ސަރުކާރުން ނިންމާފައިވާ ނިންމެވުން މުރާޖައާކުރުމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.

ސޯޝަލް މީޑިއާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަކީ އަވަސްއަރުވާލައިގެން ކުރަންވާނެ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނޭ ގޮތަށް، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ކުރިއަށް ގެންދަންޖެހޭ މުހިންމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންކަމުން، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށްޓަކައި ބޭއްވުމަށް ގަސްދުކުރާ ފެންނަ ނުފެންނަ ވޯޓާ މެދު އަލުން ފުންކޮށް ވިސްނުމަށް ދިވެހި ސަރުކާރަށް އަޅުގަނޑު އިލްތިމާސްކުރަމެވެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންގެ މަޖިލީހުން ވަނީ ޤާނޫނު އަސާސީއަށް ބަދަލު ގެނެސްފައެވެ. ނަމަވެސް އެ ބަދަލު ތަސްދީޤު ކުރެވެނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށްވާތީ، ސަރުކާރުން މިހާރު ވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ އެކު ރައްޔިތުންގެ ރިފަރެންޑަމް ވޯޓު ނެގުމަށް ނިންމާފައެވެ.

މިބަދަލަށް ސަރުކާރު ހިންގާ ޕީއެންސީގެ އިތުރުން އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީން ވަނީ ތާއީދުކޮށްފައެވެ. މި ނިންމުމާ ދެކޮޅު ހަދަމުންދަނީ ހަމައެކަނި އިދިކޮޅު އެމްޑީޕީންނެވެ.



ކިޔުންތެރިންގެ ހިޔާލު