މިއަހަރުގެ ރޯދަމަހުގެ ފަހު 10 އެއްގައި އުމްރާގެ އަޅުކަމަށް ގެންދިއުމަށް ގިނަ އަދަދެއްގެ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެންމެ ފަހު ވަގުތު ދަތުރު ކެންސަލްކުރި އަބްރާރު ގްރޫޕުގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، ރޯދަ މަހު އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށްފަހު ދަތުރު ކެންސަލްކޮށްފައިވާ މައްސަލައެއް މި މަހުގެ 4 ވަނަ ދުވަހު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، އަބްރާރު ގްރޫޕުގެ ހަވާލުގައި އުމްރާއަށް ފުރުމަށް ހަމަޖެހުނު 110 މީހުންގެ ދަތުރު ކެންސަލްކުރީ މަގުބޫލު ސަބަބެއް ނެތިކަން މިހާތަނަށް ބެލިބެލުމުން އެނގޭ ކަމަށެވެ. އެހެންކަމުން، އެ ކުންފުންޏަށް އުމްރާއަށް މީހުން ގެންދިއުމަށް ދީފައިވާ ހުއްދަ މިހާރު ވަނީ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ. އަދި އުސޫލުތަކުގެ ތެރެއިން އެ ކުންފުންޏާ މެދު އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އަބްރާރު ގްރޫޕުން އުމްރާއަށް ދިއުމަށް ކޮންމެ މީހެއްގެ އަތުން 45،000 ރުފިޔާ ނަގާފައިވެއެވެ. ނަމަވެސް ފުރަން އޮތް ދުވަހުގެ މެންދުރުގެ ވަގުތެއްގައި އެ ގްރޫޕުން ވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތަށް ރިއާޔަތްކޮށް ދަތުރު ކެންސަލްވިކަން އަންގާފައެވެ. އެހެންނަމަވެސް، ފައިސާ ދެއްކި ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެ ގްރޫޕުން އުމްރާ ވިސާއަށާއި ހޮޓާތަކަށް ފައިސާ ދައްކާފައެއް ނުވެއެވެ.

މި ތުހުމަތުތަކާ ގުޅިގެން އަބްރާރު ގްރޫޕުން ބުނެފައިވަނީ ޓިކެޓާއި ހޮޓެލް ބުކިންތައް ހަދާފައިވާނެ ކަމަށެވެ. އަދި މިހާރު އެ ގްރޫޕުން އަންނަނީ ޓިކެޓު ފައިސާ ކެނޑުމަށްފަހު ބާކީ ފައިސާ މީހުންނަށް ރިފަންޑު ކުރަމުންނެވެ.

މި މައްސަލަ ކުރިމަތިވި އުމްރާވެރިންނަށް އެހީތެރިވުމުގެ ގޮތުން، ސަރުކާރުން ވަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން، ނުފުރި ތިބި 164 މީހުން ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް، މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި ރޭ ވަނީ ފުރުވާލާފައެވެ. އަދި އެ މީހުން މައްކާގައި ތިބުމުގެ ހުރިހާ އިންތިޒާމެއްވެސް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.



ކިޔުންތެރިންގެ ހިޔާލު