ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގެ ތެރެއިން އަތުލައިގަތް މަސްތުވާތަކެއްޗާއި ފައިސާ ތަކެއް; 10000 މީހުން އެވަބާގައި ޖެހިފައި އެބަތިބި
ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގެ ތެރެއިން އަތުލައިގަތް މަސްތުވާތަކެއްޗާއި ފައިސާ ތަކެއް; 10000 މީހުން އެވަބާގައި ޖެހިފައި އެބަތިބި
ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ އަދަދު 10،000 އަށް އަރާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާޕާސަން އަދި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު މިރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސިއްދީގު ވިދާޅުވީ، ތަފާތު އެކި ރިޕޯޓުތަކުންނާއި ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ އާބާދީގެ ނިސްބަތުން ގިނަ އަދަދެއްގެ ޒުވާނުންނާއި މީހުން މި ވަބާގައި ޖެހިފައިވާ ކަމަށެވެ. ގާތްގަނޑަކަށް ހަތަރުލައްކަ ފަންސާސް ހާސް މީހުންގެ އާބާދީއެއް އޮތް ރާއްޖޭގައި 10،000 މީހުން މަސްތުވާތަކެތި ބޭނުންކުރުމަކީ ނިސްބަތުން ވަރަށް ބޮޑު އަދަދެއްކަން ސިއްދީޤު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުމަށް ދިމާވާ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ސިއްދީގު ވިދާޅުވީ، ރާއްޖެއަކީ 95 އިންސައްތަ ކަނޑުގެ ސަރަހައްދު ހިމެނޭ ގައުމަކަށް ވުމުން، މިފަދަ ތަކެތި އެތެރެކޮށް އެކި ހިސާބުތަކަށް އުފުލުމަކީ އެކަންކަން ކުރާ ފަރާތްތަކަށް އެހެން ގައުމުތަކަށްވުރެ ފަސޭހަ ކަމަކަށް ވެފައި އޮވެދާނެ ކަމަށެވެ. ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ވަރަށް ބޮޑު އިސްކަމެއް ދީގެން، ބޮޑެތި ހޭދަތަކެއް ކޮށްގެން މިކަން ހުއްޓުވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ މީހުން ދިރިއުޅޭ 189 ވަރަކަށް ރަށް އޮތްއިރު، ގާތްގަނޑަކަށް ހުރިހާ ރަށެއްގައިވެސް މަސްތުވާތަކެތީގެ ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮތް މީހަކު އުޅުމަކީ އެކަށީގެންވާ ކަމެއް،" ސިއްދީގު ވިދާޅުވިއެވެ.

މީގެ އިތުރުން، މަސްތުވާތަކެތި ބޭނުންކުރާ ހުރިހާ އެންމެން އެއްފަހަރާ ފެސިލިޓީތަކަށް ގެނެސްގެން ފަރުވާ ދިނުމަކީ ދައުލަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު ހުރި ނޭޝަނަލް ޑްރަގް އެޖެންސީގެ ފެސިލިޓީތައް ބޭނުންކޮށްގެން އެންމެންނަށް ފަރުވާ ދިނުމުގައި ދަތިތަކެއް ހުރި ނަމަވެސް، އެ ފަރާތްތަކަށް ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ސިއްދީޤު ވިދާޅުވިއެވެ.

ސިއްދީޤު އިތުރަށް ވިދާޅުވީ މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ އިތުރުން، އެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދީ އަނބުރާ މުޖުތަމަޢުއަށް ނެރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި މިކަމަށް ދަޢުލަތުން ވަރަށް ބޮޑު ހޭދައެއް ކުރަމުންދާއިރު މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތުގެ ނަތީޖާ މިއަހަރު ފެންނާނެކަމަށް ސިއްދީޤު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު