އެމްޑީޕީ ގެ ރައީސްގެ މަގާމުގައި ހުންނަވައި އެތެރޭގެ އިންތިޚާބެއްގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމަކީ ޤަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށް އެޕާޓީގެ ރައީސް އަބުދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ މޭޔަރު ޕްރައިމަރީ ގައި ވަކި ކެންޑިޑޭޓަކަށް ތާއިދު ކުރެއްވި ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމްޑީޕީގެ ރައީސްކަން ކުރައްވަމުން ގެންދަވާ ޝާހިދު ވިދާޅުވީ އެމަގާމުގައި ހުންނަވައިގެން އެތެރޭގެ އިންތިހާބުގައި ވާދަކުރަށްވާ ކެންޑިޑޭޓުންގެ ތެރެއިން ވަކި ކެންޑިޑޭޓަކަށް ތާއިދުކުރެއްވުމަކީ ގަބޫލުކުރަށްވާ އުސޫލެއް ނޫން ކަމަށެވެ.

ޝާހިދު ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. ޝާހިދު އިތުރަށް ވިދާޅުވީ، ޕާޓީގެ ޓިކެޓް ކާމިޔާބު ކުރައްވާ ހުރިހާ ބޭފުޅުންނާއި އެކު ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބުކޮށްދިނުމަށް ހުރިހާ މަސައްކަތެއް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ޝާހިދު ވަނީ މި އިންތިޚާބު އެމްޑީޕީއަށް ބޮޑު ކާމިޔާބަކަށް ވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

އެމްޑީޕީގެ ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ، ލޯކަލް ކައުންސިލް އިންތިޚާބު ކައިރިވެ އެޕާޓީގެ ތެރޭގައި ވެސް ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެތެރޭގައި މާލޭގެ މޭޔަރުކަމުގެ އިތުރުން ގިނަ ކައުންސިލްތަކުގެ ގޮނޑިތަކަށް ވާދަކުރުމަށްޓަކައި އެމްޑީޕީގެ ތެރޭގައި ޕްރައިމަރީގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.

އޭގެތެރެއިން އެންމެ ވާދަވެރީ މާލޭގެ މޭޔަރުގެ ޕްރައިމަރީއެވެ. އަންނަ ޖަނަވަރީ މަހު ބާއްވާ އެމްޑީޕީގެ މޭޔަރު ޕްރައިމަރީގައި ވާދަކުރަށްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި ކުރީގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.



ކިޔުންތެރިންގެ ހިޔާލު