މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ހުއްދަކުރަން ނުޖެހޭ ކަމަށާއި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލާފައިވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކ. މާފުށި، ރާއްޖޭގެ ލޯކަލް ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ދައުރެއް އަދާކުރަމުން އަންނަ ރަށެއްގެ ގޮތުގައި "ހާޓް އޮފް މޯލްޑިވްސް" ގެ ނަމުގައި ބްރޭންޑް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ މިހާރުގެ އިންތިޒާމުތަކުގެ ދަށުން ރިސޯޓުތަކުން ފަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް ބޮޑެތި ހޮޓާތަކުން ނުލިބުމަކީ ބޭއިންސާފެއް ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ މި ވާހަކަފުޅު ބައެއް ފަރާތްތަކުން ތަރުޖަމާކޮށްފައިވަނީ ރަލާއި އޫރުމަސް ހުއްދަކުރުމަށް ގޮވާލެއްވުން ކަމަށެވެ.

މިކަމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، ރައީސް ނަޝީދު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައްކާ ވާހަކަ ސާފުސާދާ ދިވެހި ބަހުން ދައްކާއިރު ވެސް ކަނޑައެޅިގެން އިދިފުށަށް ދޮގު މާނައާއި ތަރުޖަމާ އީޖާދުކޮށްގެން މީސްމީހުންނަށް ގެއްލުންދޭން އުޅުމަކީ ކަންބޮޑުވުން ހުރި ނުރައްކާތެރި ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރިސޯޓުތަކުގައި ލިބޭ ނަމަވެސް، މީހުން ދިރިއުޅޭ ރަށްރަށުގައި ނުލިބޭ ހަމައެކަނި އެއްޗަކީ ރަލާއި އޫރުމަސް ނޫން ކަމަށެވެ.

"މީހުން ދިރިއުޅޭ ރަށްރަށުގައި [ރަލާއި އޫރުމަސް] ހުއްދަ ކުރާކަށް ނުޖެހޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގު އިބްރާހިމް ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްތަކުގައި ރަލާއި އޫރުމަސް ވިއްކުމަކީ ހުއްދަ ކަމެއް ނޫން ކަމަށާއި، އަދި އެއީ ސަރުކާރުގެ ސިޔާސަތެއް ވެސް ނޫން ކަމަށެވެ.

"ލޯކަލް ޓޫރިޒަމްގައި، ލޯކަލް ރަށްރަށަކީ ޑްރައި ޓޫރިޒަމެއް. އޫރުމަހެއް ރަލެއް ހުރެގެން ނުވާނެ." މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު