ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދޭކުން ދޫކޮށްފައިވާ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރެވޭގޮތަށް ގަވާއިދުތައް ބަދަލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ްޜމިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރުމުގެ ސިލްސިލާގެ ތެރެއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގޯތި އިމާރާތް ކުރެވޭ އުސްމިނަކީ ތަނުގެ ޕްލޭނާއި އިންފްރާސްޓްރަކްޗަރާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި މިކަމަކީ ފެނާއި ނަރުދަމާއާ ވެސް ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ތަނެއް އާބާދުވެ ތަރައްޤީވެގެންދާއިރު، އެތަނުގެ ލޭންޑް ޔޫސްއަށް ބަދަލުތަކެއް ގެނެސް، ސަރުކާރުގެ ސިޔާސަތަށް އަންނަ ބަދަލުތަކާ އެއްގޮތަށް އިންފްރާސްޓްރަކްޗަރ ވެސް ބަދަލުކުރަން ޖެހޭ ކަމަށެވެ.

އެހެންކަމުން، ސަރުކާރުން ކުރަންޖެހޭ އިންވެސްޓްމަންޓް ވެސް ހިމެނޭ ގޮތަށް، އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަދި ދެވަނަ ފިޔަވަހީގައި ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޕާކިން މައްސަލައަކީ ވަރަށް ބޮޑު މައްސަލައަކަށް ވާތީ، 10 ބުރިއަށް އިމާރާތް ކުރާނަމަ އެންމެ ތިރީ ފްލޯގައި ޕާކިން ހެދުމަކީ މަޖުބޫރު ކަމެއް ކަމަށެވެ. އަދި މީގެ ސަބަބުން ދިރިއުޅުމުގެ ބޭނުމަށް ނޫން، އާމްދަނީ ހޯދުމަށް އެހެން ކަމަކަށް އެ ފްލޯ ބޭނުންކުރުން ލާޒިމުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންކަމުން، މި ހުރިހާ ކަމެއް ވެސް ހިމެނޭ ގޮތަށް، ސަރުކާރުން ކުރަންޖެހޭ އިންވެސްޓްމަންޓް ވެސް ހިމެނޭ ގޮތަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ދެ ފިޔަވަހީގައި ވެސް ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭ އުސްމިން، އަޅުގަނޑު ވައުދުވެފައިވާ ގޮތަށް، 10 ބުރިއަށް، އިރާދަކުރެއްވިއްޔާ، ބަދަލުކޮށްދޭނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 10 ބުރިއަށް އިމާރާތް ނެގޭ ގޮތަށް ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް، ގެނެސް، އެ ފުރުސަތު ދެ ފިޔަވަހީގެ ރައްޔިތުންނަށް ވެސް ހުޅުވާލާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް