އަހުމަދު މަސްނޫމް   19 ޑިސެމްބަރު 2025 - 0:11
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ ފޭސް 2 ގައި އަޅަމުންދާ 4،000 ފްލެޓްގެ ކުއްޔާއި އެޑްވާންސަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ކުޑަކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ސަލާހުއްދީންގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެފްޑީސީގެ ފްލެޓްތަކުގެ ތެރެއިން 3 ކޮޓަރީގެ ފްލެޓްތަކަށް 25،000 ރުފިޔާގެ ޑައުންޕޭމެންޓެއް އަދި 2 ކޮޓަރީގެ ފްލެޓްތަކަށް 15،000 ރުފިޔާގެ ޑައުންޕޭމަންޓެއް ދައްކަން އޮތް އޮތުމަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން 3 ކޮޓަރި ލިބިފައިވާ ފަރާތްތަކަށް މަހުން މަހަށް ދައްކަން ޖެހޭ ވަރާއި މެއިންޓެނެންސާއެއްކޮށް އޮތީ ޖުމްލަ އަގަކަށް 10،500 ރުފިޔާ ކަމަށާއި އެ އަދަދު 10،000 ރުފިޔާއަށް ކުޑަކޮށް، އެޑްވާންސް 25،000 ރުފިޔާ 8،000 ރުފިޔާއަށް ކުޑަކުރެވޭނެކަން ރައީސް އިއުލާންކުރެއްވިއެވެ.

"7،000 ރުފިޔާ ދައްކަން މިއޮންނަނީ 2 ކޮޓަރީގެ އެފްޑީސީގެ ފްލެޓްތަކުގަ. އެ އަދަދު މި ކުޑަކުރެވިގެން ދަނީ 6،000 ރުފިޔާއަށް. ޓޯޓަލް މިހާރު ދައްކަން ޖެހޭ އަދަދުން 1،000 ރުފިޔާ ކުޑަކުރެވިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދެ ކޮޓަރީގެ ފްލެޓްތަކަށް އެޑްވާންސްގެ ގޮތުގައި ދައްކަން ޖެހޭ އަދަދު، އެއް މަހުގެ ކުލީގެ އަދަދަށް ކުޑަކުރެވިފައިވާނެ ކަމަށެވެ. މި ނިންމެވުމާ ގުޅިގެން، ފްލެޓްތައް ލިބިފައިވާ ފަރާތްތަކާއެކު އެފްޑީސީއިން އެގްރީމެންޓްތައް އާކޮށް، މުރާޖަޢާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު