ރައީސް މުޢިއްޒުގެ ސަރުކާރުން އިޤްތިސާދު ކޮޅަށް ޖެހިއިރު، އެހެން އެންމެން ތިބީ "ބޯވަތަށް" ޖަހާފައި ކަމަށް ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ އެމަނިކުފާނުގެ އަމިއްލަ ޕާޓީ، ޕީއެންއެފުން ރޭ ބޭއްވި ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

ޔާމީން ވިދާޅުވީ، ސަރުކާރުން އިޤްތިސާދު "ކޮޅަށް ޖަހާފައި" އެހެން އެންމެން "ބޯވަތަށް ޖަހާފައި" ވާ ކަމަށާއި، ރައްޔިތުން ތިބީ އެ ހާލުގައި ކަމަށެވެ. މަސްވެރިންނަށް ކަންކަން ހަމަޖެހިފައި ނެތްކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، މިހާރު ހަމަ ބަޔަކަށް ހަދާނެ ގޮތެއް ނޭނގިގެން މި އުޅެނީ ކަމަށެވެ. އެހެންކަމުން މަސްވެރިންނާ އަނެއްކާވެސް އެންގޭޖް ވާންވީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދޭނެ ކަމަށް ބުނެފައި ދެއަހަރު ވެގެންދިޔައިރު އެކަންކަމުގެ ހިލަމެއް ނުވީމާ، މަސްވެރިންގެ ޝަކުވާތަކެއް ހުންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޑޮލަރާއި ތެލުގެ އަގު މިހާރު ވަރަށް ބޮޑުވެފައިވާތީ، މަސްވެރިންނަކަށް ތިން ހަތަރު ފީފާ ތެޔޮ އަންދާފައި ނުވަތަ ބޮޑު ޚަރަދެއް ކޮށްގެން މަސްވެރިކަމަށް ދެވެން ނޯންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މަސްވެރިންނަށް ދިމާވާ ފައިސާއާ ގުޅުންހުރި މައްސަލަތަކާއި، ގާތްގަނޑަކަށް 12 މިލިއަން ރުފިޔާ މިހާރުވެސް ނުލިބިވާ ކަމަށް އެފަރާތްތަކުން ބުނަމުންދާ ކަމަށެވެ.

މިއީ ކުޑަ އަދަދެއްގެ ފައިސާއެއް ނޫންް ކަމަށް ޔާމީން ވިދާޅުވިއެވެ. މަސްވެރިންގެ ޝަކުވާތައް ސަރުކާރުގައި ތިބޭ މީހުންނަށް އެނގޭނެ ކަމަށާއި، މަސްވެރިންނާ އެންގޭޖް ވެގެން މައްސަލަތައް ހައްލުކުރަން ސަރުކާރުން ނޫޅެނީ ކީއްވެތޯ ޔާމީން ސުވާލުކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އެންމެ ރަނގަޅީ ޓޫރިޒަމަކީ ތަފާތު ސިނާއަތެއް ނަމަވެސް، އެންމެ ޒަމާންވީ އަދި އެންމެ ގަދީމީ ސަގާފަތަކާ ގުޅިފައިވާ ސިނާއަތަކީ މަސްވެރިކަން ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ. މި ދާއިރާއަކީ އަދިވެސް ހިތްވަރު ދީގެން ކުރިއަށް ގެންދަންވީ ދާއިރާއެއް ކަމަށާއި، މި ދާއިރާގައި ހުރި މައްސަލަތައް ސަރުކާރުން އަޑުއެހުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، މަސްވެރިންގެ މައްސަލަތައް އަޑުއަހާ ހައްލުކުރުމުގެ ބަދަލުގައި، ސަރުކާރުން އެމީހުން ހައްޔަރުކޮށް، ހުރަގެއަށް ލަމުންދާ ކަމަށް ޔާމީން ވިދާޅުވިއެެވެ. މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއަހާލަން މި ސަރުކާރަށް ނުކެރުނު ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

މަސްވެރިން މާލެ އައީ އެ މީހުންނަށް އަޑުއުފުލަން ކަމަށާއި، އެ ނޫން ގޮތަކަށް ރައީސް މުޢިއްޒުގެ ސަރުކާރަށް މަސްވެރިންގެ ކަންބޮޑުވުންތައް ނޭނގޭ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. މި ސަރުކާރުން އެހެން ސަރުކާރަކަށް ވުރެ މަސްވެރިންނަށް އަޅާލާނެ ކަމަށް ވިދާޅުވި ނަމަވެސް، މަސްވެރިންގެ ޝަކުވާތައް އަޑު އަހާލަން ސަރުކާރަށް ނުކުރެނު ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ދެއްވީ އަނިޔާވެރި ހަދިޔާއެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް މުއިއްޒު ގެންދެވީ އިގްތިސާދު ހަމަޔަކަށް އެޅުވުމުގެ ގޮތުން "ތަންތަނުން ފެހި ސިގްނަލް" ލިބިފައިވާ ވާހަކަ އާއި މިކަން ހައްލުކުރަން އެނގޭ ކަމަށް ވިދާޅުވަމުން ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ގެންގުޅުއްވަނީ ކަންކަން ގޯސްވުމުން އެހެން މީހެއްގެ ބޮލަށް ކަނޑާލުމުގެ އުސޫލު ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު