ކުރިއަށް އޮތް އިންތިހާބުތަކުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރައީސް ޑރ. މުޢިއްޒު ބޭނުންވާ ނަތީޖާ ނެރުމަށް ގަދައަޅާ މަސައްކަތް ކުރާނެކަން ކަށަވަރުވެއްޖެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ފައްޔާޒު އިސްމާޢިލް، ތުހުމަތުކުރައްވައިފިއެވެ.

ފައްޔާޒު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގެ ގޮނޑިތައް ކަނޑައެޅުމުގައި އިލެކްޝަންސް ކޮމިޝަނުން ގެންގުޅުނު އުސޫލާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި "އެކްސް" (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާޢިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގެ ގޮނޑިތައް ކަނޑައެޅުމުގައި އިލެކްޝަންސް ކޮމިޝަނުން ގެންގުޅެފައި އޮތް އުޞޫލު އެނގޭ އެއްވެސް އެހެން ފަރާތެއް ނެތް ކަމަށެވެ. މިކަމަކީ، އެތެރެއެތެރެއިން ސިއްރުސިއްރުން ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީ ބޭނުންވާ ގޮތަށް އީސީއިން ކޮށްފައި އޮތް ކަމެއް ކަމަށް ފައްޔާޒު ތުހުމަތުކުރެއްވިއެވެ.

އެގޮތުން މީގެ ކުރިން އަންހެން ކެންޑިޑޭޓުންނަށް އެކަނި ވާދަކުރެވޭ ގޮނޑިތައް ކަނޑައަޅާފައިވަނީ ގުރުއަތުން ކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ މިފަހަރު ރައީސް މުޢިއްޒު ބޭނުންވާ ގޮތަށް އީސީގެ ރައީސް ޒާހިދު އެކަން ހަމަޖައްސާދީފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަންގެ އިތުބާރު ހޯދުމަށް ލިބުނު ފުރުސަތު އަނެއްކާވެސް ގެއްލިގެންދަނީ، އެކޮމިޝަންގެ ރައީސް ޒާހިދު ކަހަލަ ބޭބޭފުޅުން ރައީސް މުޢިއްޒު ރުއްސުމަށް މަސައްކަތް ފެއްޓެވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ތުހުމަތުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް