ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އިސްމާޢިލް ނަވީން މަގާމުން ވަކިކޮށް ސަރުކާރުން މަސައްކަތްކުރަނީ ސިޔާސީ ނުފޫޒު ނުފޯރުވޭ ފުލުހުން ކޮންޓްރޯލް ކުރުމަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް، ރޭ ވިދާޅުވެއްޖެއެެވެ.

ޕޮލްކޯ ކޮރަޕްޝަނާ ގުޅިގެން ސީޕީ ނަވީންއާއި ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދާދިފަހުން ވަނީ ލަފާ ދީފައެވެ. މީގެ އިތުރުން ފުލުހުންގެ ކުންފުނި ޕޮލްކޯ ކޮރަޕްޝަން މައްސަލަތަކެއް މަޖިލީހުގެ 241 ކޮމެޓީން ވެސް މިހާރު ދަނީ ބަލަމުންނެވެ.

އެކަންކަމަށް އިޝާރަތް ކުރައްވައި ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވީ، ދާދިފަހުން 241 ކޮމިޓީގައި ހިނގާދިޔަ ކަންކަމުން ފާހަގަވަނީ ވަކި ބޭފުޅަކު ކޮމިޝަނަރ އޮފް ޕޮލިސް ކަމަށް ގެނައުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއަކީ ސަރުކާރަށް ނުފޫޒު ނުފޯރުވޭނެ ބޭފުޅެއް ކަމަށާއި، އެހެންކަމުން ނަވީން މަގާމުން ދުރުކުރުން ސަރުކާރަށް ކޮންމެހެންވެސް މުހިންމުވެފައިވާ ކަމަށް މީކާއީލް ވިދާޅުވިއެވެ.

"މިއީ ކޮންމެހެން އިންސާފުވެރި އެއްކަލަ ތަހުގީގެއް ކޮށްގެން ދާންޖެހޭތީވެ ފޮނުވާލަނީކީއެއް ނޫން. އެބޭފުޅުންނަށް (ސަރުކާރަށް) ކޮންޓްރޯލް ނުކުރެވޭތީވެ، އެބޭފުޅުންގެ މީހަކު ކޮމިޝަނަރ އޮފް ޕޮލިސް ކަމަށް ގެންނަން ހިންގާ ވަރަށް ބޮޑު ރޭވުމެއް،" މީކާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން މީކާއީލް ވިދާޅުވީ، މިކަހަލަ ކަންތައްތަކެއް ފަނޑިޔާރުންނަށް ވެސް ދިމާވަމުންދާ ކަމަށް ފެންނަ ކަމަށެވެ. ޕޮލްކޯ ކޮރަޕްޝަން ރިޕޯޓާއި ސިފްކޯ ރިޕޯޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މީކާއިލް ވަނީ މި ސަރުކާރަށް ދެއަހަރު ވެގެންގޮސްފައިވާއިރު މިކަންކަން މިހާރު މި ހުށައަޅައިގެން އުޅެނީ ކީއްވެތޯ ސުވާލު ކުރަށްވާފައެވެ. އެހެންކަމުން މިއަދު ފެންނަނީ ސިފައިންނާ ފުލުހުންގެ ތެރެއިން ސިޔާސީ ނުފޫޒު ނުފޯރުވޭ ބޭފުޅުން ކޮންޓްރޯލް ކުރަން ސަރުކާރުން މަސައްކަތް ކުރާތަންކަމަށް މީކާއިލް ވިދާޅުވިއެވެ. އަދި މިކަން ސިފަކުރެވެނީ ބްލެކްމެއިލް ކުރުމުގެ ބޭނުމުގައި ހިންގާ ހަރަކާތެއްގެ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު