ލަންކާއަށް އެރި ތޫފާނުގައި ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް ރާއްޖެއިން ފޯރުކޮށްދެމުންދާ އެހީ ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށާއި، މިއީ ލަންކާ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއްކަމަށް ލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކަ ވިދާޅުވެއްޖެއެވެ.

ލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކަ މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކަ ވިދާޅުވީ، ލަންކާއަށް ދިމާވި ދަތި ދަނޑިވަޅާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖާއި ސްރީލަންކާއަށް ދިވެހި ސަރުކާރުން ވެދެއްވި ދީލަތި އެހީތެރިކަން ބަލައިގަންނަކަމަށެވެ.

ލަންކާގެ ރައީސް ވިދާޅުވީ ރާއްޖެއިން މި ދަނޑިވަޅުގައި ލަންކާ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށް، ދައްކުވައިދިން އޯގާތެރިކަމަކީ ލަންކާ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ބަދަހިގުޅުން ދައްކުވައިދޭ ކަމެއްކަަމަށްވެސް ލަންކާގެ ރައީސް ފާހަގަކުރެއްވިއެވެ.

ލަންކާއަށް އެރި ތޫފާނާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ޕީއެސްއެމް އާއި މީޑިއާތައް ގުޅިގެން ހިންގި ޓެލެތޯނުން 8 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ވަނީ ލިބިފައެެވެ. އޭގެ ތެރެއިން ދިވެހި ސަރުކާރުންވެސް 50 ހާސް ޑޮލަރާއި 25000 މަސްދަޅު ކޭސް ލަންކާއަށް ވަނީ ހަދިޔާކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގެ ވިޔަފާރިވެރިންނާއި ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުންވެސް ދަނީ ލަންކާ ރައްޔިތުންނަށް އެހީތެރިވެދިނުމުގެ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު