ފެހެންދޫ ސްކޫލްގައި، މެދު މަދަރުސީ އަދި އެއަށްވުރެ މަތީ ގްރޭޑްތަކަށް ކިޔަވައިދޭނޭ ޓީޗަރުން ހޯދުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރާއްޖޭގެ އެންމެ މީސް މަދު އެއް ރަށް ކަމަށްވާ، އެ އަތޮޅު ފެހެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފެހެންދޫ ސްކޫލްގައި، މެދު މަދަރުސީ އަދި އެއަށްވުރެ މަތީ ގްރޭޑްތަކަށް ކިޔަވައިދޭނޭ ޓީޗަރުން ހޯދުމަށް ޚާއްޞަ އަހުމިއްޔަތުކަމެއް ދެއްވާނޭކަމަށެވެ. އެގޮތުން ފެހެންދޫގައި ޤާއިމުވެ ތިބޭނޭ ޓީޗަރުން ނުލިބިއްޖެނަމަ، އަލުން ޓީޗަރުން ތަމްރީންކުރައްވައިގެންވެސް މައްސަލަ ޙައްލުކޮށްދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ފެހެންދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެނާއި ނަރުދަމާގެ މައްސަލަކަމަށެވެ. އަދި ހުއްޓިފައިވާ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢުތައް ބާރު ދުވެލީގައި ނިންމަވައިދެއްވާނޭކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ. އަދި ސިއްޙަތާއި ހަށިހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކެއްވެސް މި އަހަރާއި އަންނަ އަހަރަށް އެކަށައަޅުއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން، ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަނާއި ވަޞީލަތްތައް ފުރިހަމަ ކުރުމުގެ މަޝްރޫޢު މި އަހަރު ފައްޓަވާނޭކަމަށާއި، ފުލް ސައިޒް ފުޓުބޯލަ ދަނޑެއް ހެދުމާއި، ފުޓްސަލް ދަނޑުގެ ޕިޗު އާކުރުމާއި، ވޮލީ ކޯޓު އެޅުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ޤާއިމުކުރުމާއި، އައުޓްޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް މި އަހަރު ފައްޓަވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަކީ ޚަރަދު ބޮޑު މަސައްކަތަކަށް ވުމާއެކު، ޖެޓީގެ މައްސަލަ އާއި ރަށްގިރުމުގެ މައްސަލަ އަށް ޙައްލު ހޯއްދެވުން ކުރިއަށްގެންދަވާނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސ އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރަށްރަށަށް ވަޑައިގެން ވެވަޑައިގެންނެވި ވަޢުދުތަކަކީ، އިޚުލާޞްތެރިކަމާއެކު، އެ ވަޢުދުތައް ފުއްދަވައިދެއްވުމަށް ޢަޒުމު ކަނޑައަޅުއްވައިގެން ވެ ވަޑައިގެންނެވި ވަޢުދުތަކެއް ކަމަށެވެ. އަދި ރައްޔިތުންނަށް ޚިދުމަތްތައް ކަށަވަރުކޮށްދެއްވުމުގައި، ރަށެއްގެ ކުޑަބޮޑުމިނުގެ ސަބަބުން އިސްތިސްނާ ކުރެއްވުމެއް ނެތި، ކޮންމެ ރަށެއްގައިވެސް އާބާދީގެ ނިސްބަތުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދެއްވުމަކީ އެ މަނިކުފާނުގެ ސިޔާސަތުކަމަށް، ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް އެ ރަށުގައި ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ. އަދި ފެހެންދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްވެސް މިއަދު ވަނީ ފައްޓަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު