މުޅި ނިޒާމު ފުނޑަމުންގޮސް ސްޕްރީމް ކޯޓުގައި އަތްލުމުން ދެން ހިމޭނަކުން ނުތިބެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށައެޅުމާއި ގުޅިގެންނެވެެ. އެ ބިލް މަޖިލިހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ ރައްޔިތުންނަށް ފައިދާއެއް، ހެޔޮކަމެއް ކޮށްދީ، ދައުލަތުގެ ނިޒާމަށް ހެޔޮ ބަދަލެއް ގެނެސްދޭތޯ އެއްޗެއް ނުބުނެ ވަރަށް ކެއްކުރައްވައިފި ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން މުޅި ނިޒާމް ފުނޑަމުން ގޮސް ސުޕްރީމް ކޯޓުގައި އަތްލުމުން ދެން ހިމޭނުން ނުހުންނެވޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ރައްޔިތުންނަށް ބޮޑުކަމެއް ނުކޮށްދެވޭތާ މުޅި ނިޒާމު ފުނޑަމުންގޮސް ސްޕްރީމް ކޯޓުގައި އަތްލީމާ ދެން ހިމޭނަކުން ނުތިބެވޭނެ،" ކުރީގެ މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަލީ ރަޝީދެވެ. އެބޭފުޅުންނަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުގައި ސްޕްރީމްކޯޓަށް ބަދަލު ގެނަސް އައްޔަންކުރެއްވި ފަނޑިޔާރުންނެެވެ.



ކިޔުންތެރިންގެ ހިޔާލު