ޝާން މުހައްމަދު   24 ފެބްރުއަރީ 2025 - 16:24
ލ. ގަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނާސަރީއެއް ތަރައްގީކުރަން ނިންމައި، އެކަމަށް ބޭނުންވާ ބިން އެރަށުން ހަމަޖައްސައިފިއެވެ.

ނާސަރީ ހެދުމަށް ބޭނުންވާ ބިން ހަމަޖެއްސީ، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް އިއްޔެ ލ. ގަމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. އެރަށުގެ ކައުންސިލާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން މި ނާސަރީ ގާއިމްކުރުމަށް ހަމަޖައްސާފައިވަނީ އެއްލައްކަ އަކަފޫޓުގެ ބިމެއްގައެވެ. އިއްޔެގެ ދަތުރުގެ ތެރެއިން އެމްޑީ ވަނީ އެ ސަރަހައްދަށް ޒިޔާރާތްކުރައްވައި އެ ބިން ބައްލަވާލައްވާފައެވެ.

މިއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން އެޗްޑީސީން އެއް މިލިއަން ގަސް އިންދުމަށް ނިންމައި، އެކަމަށް ބޭނުންވާ ގަސް ހެއްދުމަށް ގާއިމްކުރެވޭ ނާސަރީއެކެވެ.

ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެއާއި، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާ ގަސްތައް ހެއްދުމަށް މި ނާސަރީ ބޭނުންކުރާނެއެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލުމަށްވެސް މަގުފަހިވާނެ ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ، އެ ކޯޕަރޭޝަންގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު