ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުންނަ އަސާސީ ކާބޯތަކެތީގެ އަގު ބޮޑުކުރާނަމަ ރިޕޯޓު ކުރެވޭގޮތް ހަަދަން އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ ވުޒާރާއިން ބުނީ ރަމަޟާން މަހާއި ދިމާކޮށް ބާޒާރުގައި ވިއްކަން ހުންނަ އަސާސީ ކާބޯތަކެތީގެ އަގު ބޮޑުކުރާ ނަމަ އާންމުންނަށްވެސް އެ ވުޒާރާއަށް ރިޕޯޓް ކުރެވޭ ގޮތް ހަދާނެ ކަމަށެވެ.

އަސާސީ ބާވަތްތަކުގެ އަގު ބޮޑުވޭތޯ ތިން ކެޓަގަރީއަކުން މޮނީޓާ ކުރަމުންދާނޭ ކަމަށް ވިޔަފާރިއާ ބެހޭ ވުޒާރާގެ ކޮންސަލްޓަންޓް ފާތިމަތު ނަޝްވާ ބަދީއު މިއަދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ގޭބިސީތަކުގައި ކެއުމަށާއި، ކާތަކެތި ތައްޔާރު ކުރުމަށް ބޭނުންކުރާ އަސާސީ ތަކެތީގެ ތެރެއިން 93 ބާވަތެއްގެ އިތުރުން މޭވާ އާއި ތަރުކާރީގެ 38 ބާވަތެއް އަދި ކަނޑުމަހުގެ ބާވަތްތަކުން ދިހަ ބާވަތެއް ( މުޅި ޖުމްލަ 141 ބާވަތް) މޮނީޓާ ކުރެވޭނެއެވެ.

މި ބާވަތްތައް މޮނީޓާ ކުރުމަށް އެ ވުޒާރާގެ އިންސްޕެކްޝަން ޓީމުން މާލެ އާއި އަތޮޅުތެރޭ ފިހާރަތަކާއި ލޯކަލް މާރުކޭޓުތަކުން މައުލޫމާތު ނަގާނެ ކަމަށްވެސް ވުޒާރާއިން ވަނީ ބުނެފައެވެ. މިގޮތަށް ބަލާބެލުމުގައި އަސާސީ ތަކެތީގެ އަގު ބޮޑުވެއްޖެނަމަ "އަސާސީ ބާވަތްތައް ކަނޑައެޅުމާއި، އަގު މޮނީޓާ ކުރުމާއި މާކެޓް އިންޓަވެންޝަންގައި މިނިސްޓްރީން އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް ނަޝްވާ ވަނީ ވިދާޅުވެފައެވެ.

އަސާސީ ތަކެތީގެ އަގުތައް ދެމެހެއްޓުމަށް މޮނީޓަރ ކުރުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ މެދުވެރިކޮށެވެ.

އަސާސީ ކާބޯތަކެތި ކަނޑައަލާފައިވާ މިންގަނޑުތަކަކީ:

* ވާލްޑް ހެލްތު އޮގަނައިޒޭޝަން، ޔުނިސެފް އަދި ޔޫއެންއެފްޕީއޭއިން "އަސާސީ ބާވަތް" ކަމުގައި ބަލާ މިންގަނޑު

* ދިވެހިރާއްޖޭގެ ކޮންޒިއުމާ ޕްރައިސް އިންޑެކްސްގައި ހިމެނޭ ކާބޯތަކެތި

* އިމްޕޯޓް ޑޭޓާ އަދި ކޮންސަމްޕްޝަން ޑޭޓާ

* އާންމު ރައްޔިތުންގެ ދިރިއުޅުމާ ގުޅުންހުރި އަދި ގޭބިސީތަކުގައި ގިނައިން ބޭނުންކުރާ ތަކެއްޗަށާއި އެފަރާތްތަކުގެ ދުޅަހެޔޮ ކަމުގެ ބާވަތްތައް

ނަޝްވާ ވިދާޅުވީ މިދިޔަ އަހަރު ބާޒާރުގައި ފިޔާގެ އަގު ބޮޑުވެގެން ދިޔަކަމަށާއި ބާޒާރުގައި ފިޔާގެ އަގު އިތުރަށް މައްޗަށް ދިޔަނުދީ ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ފިޔާގެ އިތުރު ސްޓޮކެއް ގެނެސް އަގުތައް ހިފެހެއްޓުނު ކަމަށެވެ.

އެ ވުޒާރާއިން ބުނީ އަސާސީ ކާބޯތަކެތީގެ އަގު ބޮޑުުވެއްޖެނަމަ، އެއީ ކީއްވެ އަދި ކިހިނެއްވާ ކަމެއްތޯ ބަލައި އެއްވެސް ސަބަބެއް ނެތި އަގުބޮޑުކުރި ނަމަ އެ ވުޒާރާއިން އެކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު