ބައި އިލެކްޝަންތަކުގެ ނަތީޖާ ތަކުން އެނގިގެންދަނީ ސަރުކާރު ދެކެ ރައްޔިތުން ލޯބިވާ މިންވަރު ކަމަށް ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު މިރޭ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ ސަރުކާރާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާއިދު ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާކަމަށެވެ. އެހެން ނަމަވެސް މިފަހުން ބޭއްވި ބައި އިލެކްޝަންތަކުގެ ނަތީޖާ އިން ސަރުކާރާއި ރައީސް މުޢިއްޒަށް ރައްޔިތުންގެ ތާއިދު އޮތް މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށް ސައްތާރު ވިދާޅުވިއެވެ.

"އިންތިހާބުތަކުގެ ނަތީޖާއަށް ބަލާލާއިރުގައި ސަރުކާރު ދެކެ ރައްޔިތުން ނުހަނު ލޯބިވާކަން އެބައެނގޭ، އިދިކޮޅު ފަރާތްތަކުން ދައްކަނީ ހަމައެކަނި ވާހަކައެއް ހަމައެކަނި ބުނެލާ އެއްޗެއް އެއްގޮތަކަށްވެސް އިންތިހާބުގެ ނަތީޖާ ތަކަކުން ރައްޔިތުން ލާ ވޯޓަކުންނެއް އެކަމެއް ނުފެނޭ، ފެންނަނީ ސަރުކާރަށް އޮތް ތާއިދު ސަރުކާރަށް އޮތް ލޯބި، ދިވެހި ރައްޔިތުން ރައީސް މުޢިއްޒަށް ކުރާ އިތުބާރު، އެނޫން އެހެން އެއްވެސް އެއްޗެއް އިންތިހާބުގެ ނަތީޖާ އަކުން ނުފެނޭ އެގޭތޯ،" މެމްބަރު ސައްތާރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ސައްތާރު ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ތަރައްޤީ ބަލައިގަންނަ ބައެއް ކަމަށެވެ. މިއަހަރުގެ ތެރޭގައި މި ސަރުކާރުގެ ތަރައްޤީ ރައްޔިތުންނަށް ފެނިގެންދާނެ ކަމަށާއި މި ސަރުކާރާއެކު ޤަައުމުގެ ކަންކަން ރަނގަޅުވާނެ ކަމުގެ އުއްމީދު ރައްޔިތުންނަށް އެބައޮތް ކަމަށް ސައްތާރު ވިދާޅުވިއެވެ.

"އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ އަކީ ސަރުކާރަށް ތާއިދެއް ނެތޭ، ރައީސް މުޢިއްޒަށް ތާއިދެއް ނެތޭ، އެކަމަކު އިންތިހާބެއް ބާއްވައިފިއްޔާ ރައްޔިތުން ބުނަނީ ނޫނެކޭ ތިމަންނަ މެންނަށް 100 ޕަސެންޓް އިތުބާރު އެބައޮތޭ، ރައީސް މުޢިއްޒާއި ދޭތެރޭގައި މިގައުމުގެ ކަންކަން ރަނގަޅުވާނެ ކަމާއި ދޭތެރޭގައި،" ސައްތާރު ވިދާޅުވިއެވެ.

ސައްތާރު މިހެން ވިދާޅުވެފައިވާއިރު މިފަހުން ބޭއްވި ޑަބްލިއުޑީސީ އިންތިހާބުތަކާއި ކައުންސިލްގެ ބައިއިލެކްޝަންތައް ކާމިޔާބު ކޮށްފައިވަނީ ވެރިކަން ކުރާ މައިޕާޓީ ޕީއެންސީން ކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު