ޝޫޓިން ސްޕޯޓްސްގެ ތާރީޚުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް، ދިވެހިރާއްޖެއަށް ރިހި މެޑެލް ހޯދައިދިން މަރިޔަމް އީޝަލް މިޞްބާޙަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕުގެ ފައިނަލުގައި އޭޝިއާ ބައްރުގެ ވަރުގަދަ ގައުމުތަކުގެ އެތުލީޓުން ފަހަތަށް ޖައްސާލުމަށްފަހު، މުބާރާތުގެ ޖޫނިއަރ އިންޑިވިޖުއަލް ކެޓެގަރީން ރާއްޖޭގެ އީޝަލް ވަނީ ރިހި މެޑެލް ހޯދާފައެވެ.

ރާއްޖޭގެ ތާރީޚުގައި ވެސް ޝޫޓިންގއިން ފުރަތަމަ ހޯދި ރިހިމެޑަލްގެ ފައިނަލް މެޗުގައި ވާދަކޮށް އީޝަލް ރިހި މެޑެލް ހޯދާފައިވަނީ 229.2 ގެ ސްކޯރ އަކާއެކުއެވެ. އީޝަލް ހޯދި ކާމިޔާބީ އަށް މަރުހަބާ ވިދާޅުވެ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޝޫޓިން ސްޕޯޓްސްގެ ތާރީޚުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް، ރާއްޖެއަށް ރިހި މެޑެލް ހޯދައިދިން އީޝަލްއަށް މަރުޙަބާ ވިދާޅުވެފައެވެ. ރައީސް ކުރެއްވި ތަހުނިޔާގެ ޕޯސްޓުގައި، އޭޝިއާގެ ފެންވަރުގައި ބާއްވާ ޝޫޓިންގ ސްޕޯޓްސް މުބާރާތަކުން ދިވެހި ކުޅުންތެރިއަކު ފުރަތަމަ ފަހަރަށް ރިހިމެޑަލް ހޯދުމަކީ ތާރީޚީ ކާމިޔާބީއެއްކަމުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން، އޭޝިއާގެ 23 ޤައުމަކުން ވާދަކުރި މި މުބާރާތުގައި 21 ޤައުމެއްގެ މައްޗަށް މަރިޔަމް އީޝަލް މިޞްބާޙް ކުރި ހޯދާފައިވާކަންވެސް އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ފާހަގަ ކުރެއްވިއެވެ.



"15 އަހަރުގެ އީޝަލް ވަނީ ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025ގެ އަންހެން އެއަރ ޕިސްޓަލް ކެޓަގަރީގެ ޖޫނިއަރ ބައިން ރިހި މެޑަލް ހޯދާފައި. އޭޝިއާގެ 23 ޤައުމަކުން ވާދަކުރި މި މުބާރާތުގައި އީޝަލް ވަނީ 21 ޤައުމެއްގެ ޝޫޓަރުންގެ މައްޗަށް ކުރި ހޯދާފައި،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އީޝަލް ހޯދި ކާމިޔާބީއަކީ ރާއްޖޭގެ ޝޫޓިންގެ ތާރީޚުގައި ދިވެހި އެތުލީޓަކު މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ ކަން ފާހަގަކޮށްލެވެއެވެ. އެއަރ ޕިސްޓަލް ކެޓަގަރީން އީޝަލް ރިހި މެޑެލް ހޯދާފައިވާއިރު، އޭނާ ފައިނަލަށް ދަތުރުކޮށްފައިވަނީ ޝޫޓިންގެ ގައުމީ ރިކޯޑަކާއެކުގައެވެ. އޭނާ އެ ރިކޯޑު ހަދާފައިވަނީ 517 ޕޮއިންޓާއެކުއެވެ.



ކިޔުންތެރިންގެ ހިޔާލު