ރަސްފަންނާއި ސަލްޓަންޕާކުގެ ރީތިކަމާއި އާރޯކަން އަލުން އަނބުރާ ގެނެސްދެއްވާނެ ކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ އެމަނިކުފާނުގެ އާއިލާއާއި އެކު މިއަދު ރަސްފަންނަށް ޒިޔާރަތް ކުރެއްވުމަށްފަހު އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ޑރ. މުހަައްމަދު މުޢިއްޒު ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކުގެ ޙާލަތު އެމަނިކުފާނު ބެއްލެވި ކަމަށާއި އެދެ ތަނުގެ ހާލަތާއި މެދު ހިތާމަކުރައްވާކަމަށެވެ. ރައީސް ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކު މިހާރު ދަނީ ވީރާނާ ވަމުން ކަމަށެވެ.

ރައީސް ވަނީ އެ ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަންކަން ފާހަގަކުރަށްވާފައެވެ. ރައީސް މުޢިއްޒު ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

"މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މަޢުލޫމާތަށްޓަކައި ދަންނަވަން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރަސްފަންނާއި ސަލްޓަން ޕާކު ހުޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެެ. އޭރު އެ ދެތަނުގެ މަސައްކަތް ކުރެއްވީ ހައުސިން މިނިސްޓަރަކަށް ހުންނެވި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކަން ފާހަގަކޮށްލެވެއެެވެ.

އެ ދެތަން ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން މިހާރު އެ ތަންތަން ވަރަށް ބޮޑަށް ވީރާނާވެފައިވާއިރު އެކަމާއި މެދު ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު