ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު 41 އިންސައްތަ އިތުރުވެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިމަހުގެ ދިހަ ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 50،330 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެގައުމުން ޒިޔާރަތްކުރީ 35،654 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 17 އިންސައްތަ ފަތުރުވެރިންނަކީ ޗައިނާގެ ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ޗައިނާއިން 50،330 ފަތުރުވެރިން އައިސްފައިވާއިރު މި ލިސްޓުގައި ދެވަނަ އަށް އޮތް ރަޝިއާ އިން 28،465 ފަތުރުވެރިން، ތިންވަނައިގައި އޮތް އިޓަލީ ވިލާތުން 27،162 ފަތުރުވެރިން އަދި ހަތަރުވަނައިގައި އޮތް އިނގިރޭސިވިލާތުން 27،154 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މި ލިސްޓުގެ ފަސްވަނައިގައި އޮތް ޖަރުމަންވިލާތުން ވަނީ 17،318 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

އަވައްޓެރި އިންޑިޔާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 13،638 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.4 އިންސައްތަ، ނުވަތަ 205،172 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 25.6 އިންސައްތަ، 75،706 ފަތުރުވެރިންނެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމަށް 172 ރިސޯޓާއި 793 ގެސްޓްހައުސް އާއި 154 ސަފާރީ އުޅަނދު އަދި 15 ހޮޓާ ދަނީ ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު