ދިވެހިރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތަކުގެ އިތުރުން އާ އުފެއްދުންތައް ބާޒާރަށް ނެރުމަށްޓަކައި ވޯލްޑް ބެންކުން ރާއްޖެއަށް އެހީ ވެއްޖެއެވެ.

ވޯލްޑް ބެންކުން އެހީގެ ގޮތުގައި ރާއްޖެއަށް 8.3 މިލިޔަން ޑޮލަރު ދީފައިވާކަން ހާމަކުރައްވާފައި ވަނީ މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމްއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަބާވު ދެއްވަމުން ވަޒީރު ޝިޔާމު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މަހުގެ ބާވަތްތައް އުފައްދާ ކުންފުނިތައް ތިބީ ބަނގުރޫޓުވެފައި ކަމަށާއި އެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަދި މަހުގެ އާ ބާވަތްތައް ބާޒާރަށް ނެރުމަށްޓަކައި ވޯލްޑް ބެންކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ވަޒީރު ޝިޔާމު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުން އާ އުފެއްދުންތައް ބާޒާރަށް ނެރުމަށާއި އުކާލާ މަހުގެ ބައިތަކުން ފައިދާކުރުވަނިވި އުފެއްދުންތައް ނެރުމަށް ވޯލްޑް ބެންކުގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.

މި މަސައްކަތަށް ޖުމްލަ 128 މިލިޔަން ރުފިޔާގެ އެހީ މި ސަރުކާރުން ހޯދާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަން ހާމަކުރައްވައި ވަޒީރު ވިދާޅުވީ ރަށްފުށުގައި މަސައްކަތްކުރާ، އަތޮޅުތެރޭގައި މަސައްކަތްކުރާ ފަރާތްތަކަށް ވަކިން ހާއްސަކޮށް މަސް ކައްކާ ހިއްކުމުގެ މަސައްކަތުގައި އުޅުއްވާ ފަރާތްތައް މި ސަރުކާރުގައި ބާކީ ނުކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު