މިސަރުކާރުން ގޭންގް ޤާނޫނަށާއި މަސްތުވާތަކެތީގެ ޤާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތައް ފާސްވެ، އެއަށް އަމަލު ކުރަން ފެށުމުން ކުށުގެ މާހައުލަށް ބޮޑު ހައްލެއް އަންނާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު، އަލީ އިހުސާން ރޭ ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓެއްގައި ގޭންގަކުން މީހަކު ރަހީނު ކޮށްގެން އުޅެނިކޮށް ސަލާމަތްކުރި ހާދިސާ އާއި ގުޅިގެން މީޑިޔާތަކަށް ރޭ ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު، އަލީ އިހުސާން ވިދާޅުވީ ރާއްޖޭގެ ޤާނޫނުތައް ހެދިގެން އައިއިރު ކުށްކުރާ ފަރާތަށް ރައްކާތެރިކަން ހޯދަދިނުމަށްޓަކައި، ކުށްކުރާ ފަރާތް ސަލާމަތް ކުރުމަށްޓަކައި ހެދެން އޮތް ހުރިހާ ޤާނޫނެއް ހަދާފައިވާ ކަމަށެވެ. އެހެން ނަމަވެސް ކުށް ހުއްޓުވަން އުޅޭ ފަރާތްތަކުން، ކުށް ހުއްޓުވުމަށްޓަކައި އަދި ކުށުގެ މާހައުލުން މީހުން ދުރުކުރުމަށްޓަކައި ކުށަށް ނުދާނެ ގޮތަކަށް ޤާނޫނުތައް ބައްޓަން ކުރުމުގެ އެހާ ބޮޑު ވިސްނުމެއް އޭރު ޤާނުނުތައް ހެދި ފަރާތްތަކުގެ ނެތް ކަމަށް އިހުސާން ވިދާޅުވިއެވެ.

"ޤާނޫނުތައް ހެދިއިރު ކުށްކުރާ ފަރާތަކަށް ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ކުށްކުރާ ފަރާތް ސަލާމަތް ކުރުމަށްޓަކައި ހެދެން ހުރި ހުރިހާ ޤާނޫނެއް ހަދައިގެން އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންނާއި ހިސާބަށް އައިއިރު، އެހެން ނަމަވެސް ކުށް ހުއްޓުވަން އުޅޭ ފަރާތްތަކުން ކުށް ހުއްޓުވުމަށްޓަކައި އަދި ކުށުގެ މާހާއުލުން މީހުން ދުރުކުރުމަށްޓަކައި ކުށައް ނުދާނެ ގޮތަކަށް ޤާނޫނުތައް ބައްޓަން ކުރުމުގެ އެހާބޮޑު ވިސްނުމެއް އޮތްކަމަކަށް އަޅުގަނޑުމެންނަށް ފެނިފައެއް ނުވޭ." އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އިހުސާން ވިދާޅުވީ މިހާރު ރާއްޖޭގައި ކުރާ ކުށްތައް ހައްލު ކުރުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަަޅަކީ ސަރުކާރުން ހުށަހަޅާފައިވާ ގޭންގު ޤާނޫނަށް ގެންނަ އިސްލާހުތަކާއި މަސްތުވާތަކެތީގެ ޤާނޫނަށް ގެންނަ އިސްލާހު ފާސްވެ، އެއަށް އަމަލު ކުރަން ފެށުން ކަމަށެވެ. އަދި އެއީ ރާއްޖޭގައި މިހާރު އޮތް ކުށުގެ މާހާއުލު ހައްލުކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށް އިހުސާން ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ މިހާރު ރާއްޖޭގެ ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ ހާލަތްތަކުގައި ބޭނުންކުރެވޭނެ ވަރަށް ސާމާނާއި އާލާތްތައް ފުލުހުންނާއި ކަމާއި ބެހޭ އިދާރާތަކުގައި އެބަ ހުރި ކަމަށެވެ. އެހެން ނަމަވެސް ޤާނޫނުތައް ހެދިފައި ހުރި ގޮތުން ތަކުރާރުކޮށް ކުށްކުރާ މީހުން ފަސޭހައިން ދޫވާ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން މިނިސްޓަރު ފާޅު ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ޤާނޫނުތަކަށް ގެންނަ ބަދަލުތަކާއެކު އެކަމަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުށެއް ނެތް މައުސޫމް މީހަކު ކުށުގެ މާހައުލުން ނެގި، އޭނާއާއި ދޭތެރޭ ހައްގު ނުވާ ފިޔަވަޅުތަކެއް އެޅިގެން ނުވާނެ ކަމަށެވެ. އަދި އެމީހަކަށް ލިބެންޖެހޭ ރައްކާތެރިކަން ވެސް އޮންނަން ޖެހޭ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

"އިންސާނީ ހައްޤުތައް ވެސް ރައްކާތެރިކުރެވެންޖެހޭނެ، އެހެންނަމަވެސް އަޅުގަނޑުމެންނަށް ހީވަނީ އަޅުގަނޑުމެންގެ ޤައުމުގައި ތަންކޮޅެއް ފުޅާވެފައިހެން މިއޮތީ. އެވީ ވީނުން ގޮސްފައި ތަކުރާރުކޮށް އަޅުގަނޑުމެންގެ ލޯމަތީގައި ކުށްކުރާ މީހާ ވެސް ކުޑަކުޑަ އިދާރީ ކުށެކޭ ކިޔާފައި ނުވަތަ ނަގަންޖެހޭ ދިމާލަކުން ނުނެގުނު ފިޔަވަޅެކޭ ކިޔާފައި ކުށްނުކުރާ ކަމަށް ހަދާފައި އެމީހާ މުޖުތަމަޢު ތެރެއަށް އެބަ ދޫވޭ. މިކަންކަމަށް ހައްލު އައީމަ މިކަމަށް ދާއިމީ ހައްލެއް އަންނާނެ، އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުޢިއްޒުގެ ވައުދުފުޅެއް އެއީ މި ޤާނޫނުތަކަށް ގެންނަ ބަދަލުތަކުގެ ތެރެެއިން އެކަން އަޅުގަނޑުމެން ހާސިލްކުރާނަން،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން