ދައުލަތުގެ ބަޖެޓުން މި އަހަރަށް ކަނޑައެޅި 50 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވިއިރު ރަށްރަށުގައި އެއްވެސް ކަމެއް މި ސަރުކާރުން ކޮށްފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒިޔާދު ވަނީ ސަރުކާރުން ބަޖެޓުގެ ކަންކަމުގައި އޮޅުވާލުންތައް ގެންގުޅޭކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން، ވިދާޅުވީ އެހާ ބޮޑު ބަޖެޓެއް ހުސްވިއިރު އެއްވެސް ރަށެއްގައި ވީކަމެއް އެބައޮތްތޯ ބަލައިލަން ޖެހޭ ކަމަށެވެ. އަދި އެހާ ބޮޑު ބަޖެޓެއް ހުސްވިއިރު ދަރަނި ވެސް ދެއްކިފައި ނުވާކަމަށާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ވެސް ދީފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަންނަ އަހަރު 500 މިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭކަމަށްވާއިރު ބަޖެޓުގައި އޮތީ 56 ބިލިއަން ރުފިޔާކަމަށެވެ. އެހެންނަމަވެސް، ބަޖެޓުގެ 1 ބިލިއަން ރުފިޔާއިން ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެންނާނެކަމަށް ސަރުކާރުގެ މިނިސްޓަރުން ބުނަމުންދާކަމަށާއި އެވަރުގެ ބޮޑު ދަރަންޏެއް ދައްކާފައި އެބުނާ އިންގިލާބީ ބަދަލު ގެންނަނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އޭގެ އިތުރުން އޭނާ ވަނީ މި ސަރުކާރުން ކަންކަން ފޮރުވާކަމަށް ބުނެ އެކަމަށް ވެސް ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ކުރީ ސަރުކާރުގައި ވެސް ބައެއްކަންކަން ފެންނަން ހުރިކަމަށާއި ނަމަވެސް މި ސަރުކާރުން އެއްވެސްކަމެއް ރައްޔިތުންނަށް ފެންނަހެން ހާމަ ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު