ސަރުކާރުގެ ބޮޑެތި މަޝްރޫޢުތަކާއެކު 2025 ވަނަ އަހަރުވެގެންދާނީ ވިޔަފާރިތަކަށް ފަހިއަހަރަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ޚިދުމަތްދިނުމުގެ މަސައްކަތް އިފްތިހާޙްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރައީސް މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރެއިން އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއެކު ބޯހިޔާވަހިކަމުގެ ރަން ޒަމާނެއް އަންނާނެ ކަމަށެވެ.

ސަޢީދު ވިދާޅުވީ އަންނަ 2025 ވަނަ އަހަރަކީ ރާއްޖޭގައި ބޮޑެތި މަޝްރޫޢުތައް ފެށޭނެ އަހަރެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ބޮޑެތި މަޝްރޫޢުތައް ފެށި ރައްޔިތުންނާއި، ވިޔަފާރިތަކަށް އަވަދިނެތި ހަރަކާތްތެރި އިގްތިޞާދަކަށް މަސައްކަތް ކުރަން ލިބޭ ފަހި އަަހަރަކަަށް 2025 ވަނަ އަހަރު ވެގެންދާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.



"ރާއްޖޭގައި ބޮޑެތި މަޝްރޫޢުތައް ފެށިގެން ރައްޔިތުންނާއި ވިޔަފާރިތަކަށް އިރާދަކުރެއްވިއްޔާ އަވަދިނެތި ހަރަކާތްތެރި އިގްތިޞާދަކަށް މަސައްކަތްކުރަން ލިބިގެންދާނެ ފަހި އަހަރަކަށް ވެގެންދާތަން އަޅުގަނޑަށް ފެންނަނީ،" ރައީސް ބައިވެރިވެވަޑައިގެން އިންނެވި އެ ރަސްމިއްޔާތުގައި ސަޢީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސަޢީދު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ޒަމާނީ ޕޭމަންޓް ސިސްޓަމްތައް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެއަކީ ކުޑަ މާކެޓަކަށް ވުމުން ނުގެނެވިފައި ހުރި އެތައް ޕޭމަންޓު ގޭޓްވޭތައް އަންނަ އަހަރު ގެނެވޭނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.

"މިސާލަކަށް ޕޭޕާލް، ދެންވެސް ހުރި މަނިޓައިޒް ކުރަން ޖެހޭ އެތައް ބައިވަރު އީވޮލެޓްސްތަކެއް، ޕޭމަންޓު ސިސްޓަމްތަކެއް. ދިވެހިރާއްޖެއަށް އައިސް ނިމޭނެ. ގެނެވޭނެ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ ސިސްޓަމްތައް ގެނައުމަށް ގޮންޖެހުންތައް ހުރި ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ސަރުކާރުން ކުރަން ޖެހޭ މަސައްކަތްތައް ރައީސް. ޑރ. މުޙައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ރާއްޖެއަކީ ކުޑަ މާކެޓެއް ނޫން ކަން ދުނިޔެއަށް ކިޔައިދެމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު