ކޫއްޑޫ ކޯލްޑް ސްޓޯރޭޖް ބޮޑުކުރަން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ލަކީ ގްލޯބަލް ޕްރޮޖްކްޓްސް ޕްރައިވެޓް ލިމިޓެޑްއާއެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ސޮއިކުރެއްވި އިރު ލަކީ ގްލޯބަލް ޕްރޮޖްކްޓްސްގެ ފަރާާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާޝިޝް އޮބެރޯއީއެވެ.

އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 6.6 މިލިއަން ރުފިޔާއަށް، އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މިއަދު ސޮއިކުރި މަޝްރޫއުގެ ދަށުން ކޫއްޑޫގެ 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ދެ ގުނަ ބޮޑުކޮށް 4000 ޓަނުގެ މަސް ރައްކާ ކުރެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖޭގައި މިވަގުތު ހުރި 8500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ދެގުނަކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

އަދި ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ މިހާރު ހުރި ކެޕޭސިޓީ ތިން ގުނަ އިތުރުކޮށް ފަންސަވީސް ހާސް ޓަނަށް އިތުރުކުރުމެމަށެވެ.



ކިޔުންތެރިންގެ ހިޔާލު