ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފަޔާ އިރުޝާދާއެކު ކުރިއަށް އޮތް ތިންއަހަރުގެ ތެރޭގައި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު، އިފްތިތާޙް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ އަމާޒަކީ ރައީސްގެ އިރުޝާދާއެކު ސަރުކާރުގެ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުން ކަމަށެވެ. ޝިޔާމް ވިދާޅުވީ މަސްވެރި ސިނާޢަތުގައި މިހާތަނަށް އޮތް ވަގުތީ ޙައްލު ހޯދުމުގެ ޘަޤާފަތް ނައްތާލައި، ދާއިމީ ޙައްލު ހޯދައިދިނުމުގެ ތަޞައްވުރެއް ރައީސް ގެންގުޅުއްވާ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމާއި ހަވާލުވެވަޑަައިގަތުމާއެކު މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތްޕުޅު ފެއްޓެވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.



މީގެ އިތުރުން ޝިޔާމު ވިދާޅުވީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެންމެ ނިކަމެތި ހާލުގައި އޮތް ސިނާއަތަކީ މަސްވެރިކަމުގެ ސިނާއަތު ކަމަށެވެ. އެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އަބަދުވެސް މަސައްކަތްކުރަމުން އަައިސްފައި އޮތީ އެޑްހޮކް ގޮތެއްގައި މައްސަލައެއް ދިމާވުމުން ވަގުތީ ގޮތުން އެ މައްސަލައަކަށް ހައްލެއް ހޯދާ ގޮތަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މުޅި ސިނާއަތުގެ ތަރައްގީ އާއި ސިނާއަތުގައި ހުރި ހުރިހާ ގޮންޖެހުންތަކެއް ހައްލުކުރެއްވުމަށް އެމަނިކުފާނު ފެއްޓެވި މަސައްކަތްޕުޅު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެމަނިކުފާނުގެ ޒައާމަތުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ތިން އަހަރު މަސްވެރިކަމުގައި މިހިރަ އުނދަގޫ ގޮންޖެހުންތައް އެމަނިކުފާނުގެ އިރުޝާދާއެކީގައި އަޅުގަނޑުމެންނަށް ހަައްލުކުރެވިގެންދާނެ" ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެން އިންނެވި ރަސްމިއްޔާތުގައި ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫއާ އެކީ މަސްވެރިންނަށް ގިނަ ފަސޭހަތަކަކާއި ލުއިތަކެއް ލިބޭނެ ކަމަށެވެ. އަދި އެގޮތަށް ތެޔޮ ފޯރުކޮށްދޭން ފެށުމުން މަސްވެރިންނަށް އެސްޓީއޯގެ އަގުތަކުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދު ފުއްދެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު