ފޭކު ނިއުސް ނުވަތަ ދޮގު ޚަބަރުން ޑިމޮކްރެޓިކް މުއައްސަސާާތައް ހިމާޔަތްކުރެވޭނީ ތައުލީމީ ނިޒާމް ހަރުދަނާކޮށްގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެެވެ.

މިހާރު އޮސްޓްރޭލިއާގެ ސިޑްނީގައި ކުރިއަށްދާ ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގެ ކޮންފަރެންސްގައި ތަގުރީރުކުރައްވައި ނާޒިމް ވަނީ ފޭކު ނިއުސްއާއި ސިންތެޓިކް މީޑިއާގެ ސަބަބުން، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށާއި ޑިމޮކްރަސީއަށް ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުއްވާލައްވާފަ އެވެ.

ނާޒިމް ވިދާޅުވީ ފޭކު ނިއުސް އާއި މަސްނޫއީ މީޑިއާއިން ހަމައެކަނި އޮޅުވާލަނީ މުޖުތަމައުއާއި ފަރުދުންނަށް އެކަނި ނޫން ކަމަށެވެ، އަދި އެއީ، މުޅި ޑިމޮކްރެޓިކް ނިޒާމު ގަޑުބަޑުކޮށްލައި ހަލަބޮލިކޮށްލާ ވަސީލަތެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މީސްމީޑިއާގައި ފެތުރޭ ދޮގު މައުލޫމާތަކީ، ހަގީގީ ތެދު މައުލޫމާތަށް ވުރެ ހަ ގުނަ ބާރަށް ފެތުރޭ މަޢުލޫމާތު ކަމަށެވެ.

އަދި އެ މައްސަލަ ހައްލުކުރުމަށް ކޮމަންވެލްތުގެ ގައުމުތަކުން، ތައުލީމީ ނިޒާމުގައި ބޭނުންކުރުމަށް މީޑިއާ ލިޓެރެސީ ކަރިކިއުލަމެއް އެކުލަވާލުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ. އަދި އެ ކަރިކިއުލަމަކީ، ހުރިހައި ޢުމުރު ފުރައަކަށް އެކަށޭނެ އަދި މެންބަރު ގައުމުތަކުގެ އަމިއްލަ ސަގާފަތަށް ބައްޓަން ކުރެވޭ މަންހަޖެއް ކަމުގައި ހެދުމަށްވެސް އެދިވަޑައިގަތެވެ.

ނާޒިމް ވިދާޅުވީ މި ޒަމާނުގައި މީޑިއާއަށް މުޖުތަމައު އަހުލުވެރި ކުރުމަކީ އިޚުތިޔާރީ ހުނަރެއް ނޫން ކަމަށެވެ، އަދި އެއީ ޑިމޮކްރެޓިކް ވެށްޓެއްގައި ފަރުދުންނާއި ޖަމާއަތް ބައިވެރިވެ ބިނާކުރަނިވި މަސައްކަތެއް ކުރުމަށްޓަކައި ހޭލުންތެރި ރައްޔިތެއް ބިނާ ކުރުމަށް ކޮންމެހެން ބޭނުންވާ އަސާސީ ހުނަރެއްކަން ވެސް ފާހަގަ ކުރެއްވި އެވެ.

"ފޭކް ނިއުސްއާއި މަސްނޫއީ މީޑިއާއިން އަޅުގަނޑުމެންގެ ޑިމޮކްރެޓިކް މުއައްސަސާތައް ހިމާޔަތްކުރެވޭނީ ޖަމާއަތުގެ ދިފާއުގެ ފުރަތަމަ އައްޑަނަ ކަމަށްވާ، އަޅުގަނޑުމެންގެ ތައުލީމީ ނިޒާމު ހަރުދަނާކޮށްގެން،" ނާޒިމް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު