ޚިޔާލު ތަފާތުވުން ހުރި ނަމަވެސް ގައުމީ ކަންކަމުގައި ދިވެހިންނަކީ އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބެންޖެހޭކަމަށް ކުރީގެ ރައީސުލްޖުމުހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންގެންދާ ނަޞްރުގެ ދުވަހާއި ގުޅިގެން ދައުލަތުގެ މީޑިޔާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވީ ދިވެހިން އެއްބައިވަންތަ ބަޔެއްގެ ގޮތުގައި ދެމިތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ ދިވެހިންނަކީ އެއްބައިވަންތަ ބަޔެއްކަން މީގެ ކުރިން އެކިފަހަރު މަތިން ސާބިތުކޮށްދީފައިވާ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތްތާގައި އެ އެއްބައިވަންތަކަން ކޮންމެ ކަމެއްގައި ދިވެހި ރައްޔިތުން ދައްކަންޖެހޭ ކަމަށް މައުމޫން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ, ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށެވެ.

"ޤައުމީ ކަންކަމުގައި ނޯންނާނެ ތަފާތުވުމެއް، ސިޔާސީ ކަންކަމުގައި ތަފާތުވެދާނެ އެހެން ނަމަވެސް ޤައުމީ ކަންކަމުގައި އެންމެންގެ އެއްބައިވަންތަކަން ވަރަށް މުހިންމު، ދިވެހި ރައްޔިތުންނަކީ އެއްބައިވަންތަ ބަޔެއްކަން މީގެކުރިން ވެސް ވަނީ ސާބިތުކޮށްދެއްވާފައި އެތައް ފަހަރަކު އެހެންވީމަ، ކުރިއަށް އޮތްތާގައި ވެސް ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން އެބަޖެހޭ ދައްކަވަން ހުރިހާ ކަމެއްގައި ވެސް، އެއްބައިވަންތަ ބައެއްގެ ގޮތުގައި ތިބެެއްޖެނަމަ މާތް ﷲ ގެ އިރާދަފުޅުން ހުރިހާ ކަމެއް ވެސް ކާމިޔާބުކުރެވޭނެ." ރާއްޖޭގެ ދިގު ތިރީސް އަހަރު ވެރިކަން ކުރެއްވި މައުމޫން ވިދާޅުވިއެވެެ.

މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ 1988 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 03 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާގައި ދިވެހިންނަކީ ކެރޭ ހިތްވަރުގަދަ ޖެހިލުން ކުޑަބަޔެއްކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ދިވެހިންނަކީ އެއްވެސް ކަމެއްގައި ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ނޮވެމްބަރު 03ގެ ބިރުވެރި ދުވަހު ދިވެހި އަސްކަރިއްޔާއާއި ރައްޔިތުން ދެއްކެވި ނަމޫނާއާއި ކުރެއްވި ހިތްވަރު ރައީސް މައުމޫން ވަނީ ފާހަގަކުރަށްވާފައެވެ. އަދި އެ ދުވަހު ދިވެހި ރައްޔިތުން ދެއްކި ކެއްތެރިކަމާއި އެއްބައިވަންތަކަމަކީ، މިއަދުގެ ޖީލް ނަމޫނާއަކަށް ބަލަންޖެހޭ މުހިންމު ކަމެއްކަމަށް މައުމޫން ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު