މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ޕީއެސްއެމްގެ މުވައްޒިފު، އަޙްމަދު މުސްތަފާ މަގާމުން ވަކިކުރުމަށްފަހު އަލުން މަގާމު އިއާދަކޮށްދީފިއެވެ.

30 އަހަރަށްވުރެ ގިނަ ދުވަހު ޕީއެސްއެމްގައި ވަޒީފާ އަދާކޮށްފައިވާ މުސްތަފާ ވަޒީފާއިން ވަކިކުރިކަން އެންގީ އިއްޔެއެވެ.

އޭނާ ވަޒީފާއިން ވަކިކުރީ މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒާތީ ދިރިއުޅުއްވުމާއި ގުޅޭގޮތުން އޮންލައިން ނޫހަކުން އުފެއްދި، އެންޓި ކެމްޕޭން އެއްޗެއްގެ ގޮތުގައި ގިނަބަޔަކު ސިފަކޮށްފައިވާ ޑޮކިއުމަންޓްރީއެއްގެ ޓްރޭލަރ އެ ޖަލްސާގެ ލައިވް ކަވަރޭޖުގައި ދެއްކި މައްސަލާގައި، އެކަން ކޮށްފައިވަނީ މުސްތަފާއަށް އެނގިގެންކަމަށް ތުހުމަތުކޮށް، އިއްޔެއެވެ. ޖަލަސާ ލައިވްކޮށް ދެއްކީ ދައުލަތުގެ މީޑިއާއިންނެ.

ނަމަވެސް މުސްތަފާ ވަނީ ވަޒީފާއިން ވަކިކުރި ސަބަބު ނޭނގޭކަމަށްބުނެ އެ ނިންމުން ރިވިއުކޮށްދޭން ޕީއެސްއެމްގެ ބޯޑުގައި އެދިފައެވެ.

އެއަށްފަހު ބޯޑުން މިއަދު ވަނީ އެ ނިންމުން ރިވިއުކޮށް މުސްތަފާގެ ވަޒީފާ އަލުން އިއާދަ ކޮށްދީފައެވެ.

މުސްތަފާ ވަޒީފާއިން ވަކިކުރި މައްސަލާގައި އޭނާ ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އޭނާ ވިދާޅުވެފައިވަނީ ހަފްލާގެ ކަންކަން ކުރިއަށް ގެންދިޔައީ ސީދާ މީޑިއާ ކައުންސިލްގެ ރައީސަށް އެނގިގެން ނޫންކަމަށާއި އެ ވީޑިއޯ ދެއްކުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު