ބޭރުގެ ބުކިން ޕްލެޓްފޯމްތަކުން ވެސް ޓީޖީއެސްޓީ ނަގަން ފަށަން ނިންމައިފި އެވެ.

ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ބަޔާން ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު އިސްލާޙުކުރުމުގެ މަސައްކަތުގެ އިތުރުން ޓެކުހާ ގުޅޭ ސިޔާސަތުތަކާއި ގާނޫނުތައް އިސްލާޙުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ޓެކްސް ބޭސް ފުޅާކުރުމުގެ ގޮތުން ރާއްޖޭގައި ބޭނުންކުރާ އެންމެހައި މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭ ގޮތަށް ގާނޫނީ އޮނިގަނޑަށް ބަދަލު ގެނެސް އަންނަ އަހަރުގެ މެދުތެރޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒުކުރަން ފެށޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އެއާއެކު އޮފްޝޯ ޓްރެވަލް އެޖެންޓުންނާއި ބުކިންގ ޕްލެޓުފޯމްތަކުން ފޯރުކޮށްދޭ ފަތުރުވެރިކަމުގެ ހިދުމަތްތަކުން ޓީޖީއެސްޓީ ނެގޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި ބަދަލުން ލިބޭނެ އެންމެ ބޮޑު ފައިދާއެއް ކަމަށް ވެގެންދާނީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި ރާއްޖެއިން ބޭރުގެ ބޮޑެތި އޮންލައިން ވިޔަފާރިތަކުގެ

މެދުގައި ޖީއެސްޓީއާ ގުޅިގެން އުފެދޭ ޑިސްޓްރޯޝަން ކުޑަކުރުވައި ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުގެ ބޮޑެތި ވިޔަފާރިތަކާ އެއްހަމައެއްގައި ވާދަކުރުމުގެ މަގުފަހިވެގެން ދިއުން." މިނިސްޓަރު ވިދާޅުވި އެވެ.

ބޭރުގެ ބުކިންފްލެޓްފޯމްތަކުގެ ތެރެއިން ރާއްޖެއަށް ބުކިން ހަދައިދޭ ފަރާތްތަކުގެ ތެރޭގައި ބުކިން ޑޮޓް ކޮމް އާއި އަގޯޑާ ފަދަ ދުނިޔޭގެ މަޝްހޫރު ވެބްސައިޓުތައް ހިމެނެ އެވެ،



ކިޔުންތެރިންގެ ހިޔާލު