ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މިދިޔަ މަހުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފި އެވެ،

ދައުލަތުގެ ހަރަދުތައް ކުޑަކުރަން 228 އަށް ވުރެ ގިނަ ސިޔާސީ ވަޒީފާތައް މަދުކުރަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

އެގޮތުން ފާއިތުވި 15 ދުވަހުގެ ތެރޭގައި އެ ވަޒީފާތަކުން މީހުން ވަކިކުރާނެ ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.

އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ވިދާޅުވީ އިއްޔެގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށެވެ.

ހަމަ އެއާއެކު ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ، ކުރުންތެރިކަން އިތުރު ކުރުމަށް ސިޔާސީ މުވައްޒަފުންގެ ޕަރފޯމަންސް ބަލާނެ ނިޒާމެއް ޤާއިމް ކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

"މިނިޒާމަށް ވަރަށް އަވަހަށް ޢަމަލު ކުރަން ފަށާނެ."ހީނާ ވިދާޅުވި އެވެ.

ވަކިކުރި ސިޔާސީ ބޭފުޅުންގެ މަގާމުތަކެއް ހީނާ ހާމައެއް ނުކުރައްވަ އެވެ.

ނަމަވެސް ރައީސް މުއިއްޒު މިދިޔަ މަހު ވިދާޅުވީ ވަކިކުރާނީ ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު