ސްޕެޝަލިސްޓް ފަސް ހޮސްޕިޓަލު އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި ސިއްހީ ނިޒާމުގެ ދިގު ތާރީހެއް އޮތް ނަމަވެސް މިއަދުގެ ހަގީގަތަކީ ރައްޔިތުންނަށް އެދެވޭ ފެންވަރެއްގައި ކެންސަރުފަދަ ބޮޑެތި ސިއްހީ ބަލިތަކަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ފަރުވާދެވޭ ވަރަށް ވުރެ ސިއްހީ ނިޒާމު ބަލިކަށި ކަމަށެވެ.

އެހެންކަމުން މިހާރުގެ ހާލަތުން އަރައިގަތުމަށްޓަކައި ސިއްހީ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަށް ދިވެހީންނަށް ރާއްޖޭގައި ތިބެގެން ބޮޑެތި ބަލިތަކަށް ބޭސްފަރުވާކުރެވޭނެ ގޮތަށް ޒަމާނީ އިންފްރާސްޓްރަކްޗަރ އާއި ވަސީލާތްތައް ގާއިމުކުރުން ކޮންމެހެން މުހިންމުކަމެއްކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

އެހެންވެ އެ ތަސައްވަރަށް ދިއުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ނިޒާމަށް ބޭނުންވާ މުހިންމު މަޝްރޫއުތަަކެއް ހިމަނާފައިވާނެ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

“އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ފާހަގަކޮށްލެވޭ ސިއްހީ ދާއިރާއަށް ހާއްސަކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި ކެންސަރުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލަކާއި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރުން ހިމެނޭ. އަދި އެކިރަށްރަށުގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކުން ލިބޭ ހިދުމަތްތައް ފުޅާކުރުމާއެކު އެތަންތަން ތަރައްގީކުރުމަށްވެސް މި ބަޖެޓުގައި އިސްކަންދީފައިވާނެ." މިނިސްޓަރު ވިދާޅުވި އެވެ.

ސްޕެޝަލިސްޓް ފަސް ހޮސްޕިޓަލު ހަދަން ނިންމިކަމަށް އިއުލާންކުރި ނަމަވެސް ހަދަން ނިންމާފައިވާ ހުރިހާ ހޮސްޕިޓަލެއްގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. ނަމަވެސް ތެލެސީމިއާއަށް ހާއްސަ ހޮސްޕިޓަލަކާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އަޅަންނިންމާފައިވާ ކަމަށް މީގެ ކުރިން ސަރުކާރުން ހާމަކޮށްފައި ވެއެވެ.

އަދި އެ ހޮސްޕިޓަލުތައް އަޅަން ދާނެ ސީދާ ހަރަދެއް ބަޖެޓުގައި ބަޔާންކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު