އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސުންނާއި ނާއިބު ރައީސުން އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަކީ އެ މުއައްސަސާތަކުން ވެސް އެގޮތް ބޭނުންވެގެން އެދުނު ގޮތެއްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވި އިސްމާޢީލް ހަބީބު ވިދާޅުވެއްޖެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ހަބީބު މިރޭ އެކްސްގައި ވިދާޅުވީ، ދެ ކޮމިޝަނުގެ ރައީސުންނާއި ނާއިބު ރައީސުން ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާގޮތަށް މިހާރު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހަކީ މިނިވަން މުއައްސަސާތަކުން 2023 ގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި، އެޓަރނީ ޖެނެރަލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި ޕޭޕަރުގައި ހިމެނިފައިވާ އިސްލާހެއް ކަމަށެވެ.

ހަބީބު ވިދާޅުވީ އެ އިސްލާހު ހުށަހެޅި ކޮމިޝަންތަކުގެ ތެރޭގައި ހިއުމަންރައިޓްސް ކޮމިޝަން، އިލެކްޝަންސް ކޮމިޝަން އަދި ސިވިލް ސަރވިސް ކޮމިޝަން ހިމެނޭކަމަށެވެ.



ހަބީބު އިތުރަށް ވިދާޅުވީ، އެ އިސްލާހުގައިވާ ގޮތަކީ ދުނިޔޭގެ ކުރިއަރާފައިވާ އެމެރިކާ ފަދަ ގައުމުތަކުން ވެސް އެކަން ކުރަމުން އަންނަގޮތް ކަމަށެވެ.

ހަބީބު މިހެން ވިދާޅުވެފައި މިވަނީ، ސަރުކާރުގެ އެ ނިންމުމަކީ މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށް އިދިކޮޅުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައި ވަނިކޮށް، އެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ރައްދު ދެއްވާފައި ވަނިކޮށެވެ. އެމަނިކުފާނު ވެސް ވިދާޅުވީ، އެއީ ނުފޫޒު ފޯރުވަން ކުރައްވާ ކަމެއް ނޫންކަމަށާއި އެއީ ޒިންމާދާރު ކުރުމުގެ ގޮތުން ކުރަންޖެހިފައިވާ ކަމެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް