ދޮގު މައުލޫމާތު ނުފަތުރާ ރައްޔިތުންގެ ފަރާތުން ހަވާލުކޮށްފައިވާ ޒިންމާ އަދާކުރެއްވުމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އަލީ އިހުސާނަށް ފައްޔާޒު އިސްމާއީލް ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ’ކުރީސަރުކާރުން’ ޕޮލިސް ޔުނިޓުތަކެއް އެޅުމާގުޅޭ ޕްރޮޖެކްޓަކާއި ގުޅިގެން އެކި ޕްލެޓްފޯމްތަކުގައި މިނިސްޓަރު އިހުސާން ދޮގު މައުލޫމާތު ދެއްވާފައިވާކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ފައްޔާޒު އެ ވިދާޅުވާ ވާހަކަ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވިއިރުވެސް އަދި އޭގެ ކުރިން އެވާހަކަ ދެއްކެވި އެއްވެސް މައްސައެއްގައި ވެސް ފައްޔާޒުގެ ނަމެއް މިނިސްޓަރ އިހުސާން ވިދާޅުވެފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީ ވަމުން އިހުސާންވަނީ އެމަސައްކަތް ހަވާލުކޮށް ސަރުކާރުން ފައިސާތަކެއް ނެގި ކުންފުނިން ބިގް ކުންފުނީގެ ހިއްސާގަނެ މާލޭގެ ގެއެއް އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަން ފާހަގަ ކުރައްވާފައެވެ. ބިގް ކުންފުންޏަކީ ފައްޔާޒުގެ އާއިލީ ކުންފުންޏެކެވެ.

ފައްޔާޒާއި ގުޅޭގޮތުން މިނިސްޓަރ އިހުސާން ދޮގު މައުލޫމާތު ފަތުރާމކަމަށް ތުހުމަތު ކުރައްވައި، ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް މި މައްސަލަ ބަލައިދިނުމަށް އެދި ފައްޔާޒު ވަނީ ހުށައަޅާފައެވެ. އަދި އެ ދެ އިދާރާއަށް ފޮނުވި ސިޓީ އޭނާ ވަނީ އެކްސްގައި ހިއްސާކުރައްވާފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ދެ އިދާރާއަށްވެސް ފައްޔާޒު ހުށައެޅި މައްސަލައިގައި ބުނީ މިނިސްޓަރު އިހުސާނާއި މި ސަރުކާރުގެ ބައެއް ފަރާތްތަކުން މި މައްސަލަ އާއި ގުޅިގެން އޭނާ އާއި ގުޅޭގޮތުން ކޮރަޕްޝަންގެ ތުހުމަތުތައް ކުރަމުންދާ ކަމަށެވެ. އަދި މި ސަރުކާރުގެ ބައެއް ފަރާތްތަކުން އޭނާ އާއި ގުޅޭގޮތުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ޖަވާބުދާރީވެފައި ވީ ނަމަވެސް އަދިވެސް އެކި ޕްލެޓްފޯމްތަކުގައި ސިޔާސީ ބޭނުމުގައި ކަމުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ދައްކަމުންދާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ފަރާތުން މިކަމުގައި ދޭން ޖެހޭ ޖަވާބުތައް އެކި ޕްލެޓްފޯމްތަކުގައި ދެވިއްޖެ. ތަހުގީގީ އިދާރާތަކުގެ ބެލެނިވެރި ވަޒީރަކަށް އިހުސާން ހުންނަވާތާ އަހަރެއް ވަނީ. އެ މުއްދަތުގައި އެއްވެސް ތަހުގީގެއް ނުކޮށް، ދައުވާއެއް ނުއުފުލައި މިފަދަ ތުހުމަތުތަކެއް ކުރަމުންދިޔުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް.“ ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.



ފައްޔާޒު ވަނީ މިކަމުގައި ރަސްމީކޮށް ޖަވާބުދާރީވުމުގެ މަގު ތަނަވަސް ކުރުމުގެ ގޮތުން މި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި މިއަދު އޭސީސީ އަދި ފުލުހުންނަށް ހުށަހަޅާފައެވެ. އަދި އެ އިދާރާތަކުން މި މައްސަލަ ތަހުގީގު ކުރާނަމަ އެކަމަށް އެއްބާރުލުން ދޭނެކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް